ސަސްޕެންޝަންގައި ހުރި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ފިނޭންސް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ނިހާދު އައްޔަންކުރީ ބުރާސްފަތި ދުވަހުގައެވެ. ރަސްމީކޮށް ނުކުންނަވަން ފެށްޓެވީ އިއްޔެއެވެ.
ނިހާދު ސަސްޕެންޑުކުރީ މީގެ އެއް މަސް ކުރިން ވެރިކަންކުރާ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި، ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ރިސޯޓުތަކަށް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކުރެއްވި މައްސަލައިގައެވެ. އެ މައްސަލައިގައި ޕީއެންސީ އާއި އެމްޑީޕީން ވެސް ނިހާދުގެ ވާހަކަ ކުށްވެރިކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ ފަހުކޮޅު ޕީއެންސީ އާ ގުޅިވަޑައިގަތް ނިހާދު ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. އޭނާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރީ މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހުގައެވެ.