އައްޑޫސިޓީ މީދޫ ޗަސްބިމުގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފްއިން އެ ސަރަހައްދުގައި ހަރަކާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 17:30 ހާއިރުކަމަށެވެ. އަދި އެ ސަރަހައްދުގައި މިހާރު އެމްއެންޑީއެފްގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ވަރަށް ގިނައިން މި ސަރަހައްދުގައި ރޯވެފައިވާއިރު، މިހާރު މި ޗަސްބިމަކީ އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަތިކިޅި އިކޯ ގާޑަން އޮންނަ ސަރަހައްދެވެ.

'ދަ ޕްރެސް'އަށް މައުލޫމާތު ދެމުން އީކޯ ގާޑަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ބުނީ ރޯވި އަލިފާނުގެ ސަބަބުން އެ ތަނަށް ގެއްލުންވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ. އަދި އިކޯގާޑަންއަށް އަލިފާނުގެ އެއްވެސް އަސަރެއްކޮށްފައި ނުވާއިރު އެމްއެންޑީއެފް އާއި ގުޅިގެން އެ ހިސާބަށް އަލިފާންގަނޑު އައުން ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓި ހުޅުދޫ އަދި މީދޫގެ ޗަސްބިމަކީ އެއް ސަރަހައްދެއްގެ ގޮތުގައި ވަރަށް ބޮޑު ބަޔަކަށް ފެތުރިފައިވާ ތަނަކަށްވާއިރު، ބައެއް ފަހަރު އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކޮށްލެވެއެވެ.