ބްރޯޑްކާސްޓިންއަކީ އަމާނާތެއް ކަމަށާއި އެ ދާއިރާއަށް ލޯ ހުޅުވިފައިވާ ޖީލެއް ބިނާކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިއަށްގެންދިޔަ "ވިޝަން އޮފް ދަ ފިއުޗާ" މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާގައި ސާޖިދާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ބްރޯޑްކާސްޓިން ހިދުމަތަކީ ވަރަށް ފުރިހަމަ ހިދުމަތެއްކަމަށެވެ. އަދި އެއީ ފޫހިކަމާއި މާޔޫސްކަން ދުރަށްލައި، ހިތްތަކަށް އުފާވެރިކަން ގެނެސްދިން ހިދުމަތެއްގެ ގޮތުގައި ސާޖިދާ ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން ބްރޯޑްކާސްޓިން ހިދުމަތަކީ ރައްޔިތުންނަށް ދީނުގެ މަތިވެރި އުސޫލުތަކާއި މަތިވެރި އަހްލާގު އުނގަންނައިދީ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދޭ ހިދުމަތެއްކަމުގައި ސާޖިދާ ވިދާޅުވިއެވެ.
މީޑިއާގެ އެކި މަންސަތައް މިހާރު ހުރިއިރު އެފަދަ މަންސަތަކަށްވެސް ރޭޑިއޯ އަދި ޓީވީގެ ދައުރު އަދާނުކުރެވޭކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ ދިވެހި ކުޑަކުދިން އަލުންޓީވީ އަދި ރޭޑިއޯގެ ބައިވެރިން ކަމަށް ހެދުން މުހިއްމު ކަމަށެވެ. އަދި ގައުމެއްގެ ނިސްބަތުގައި ޓީވީ އަދި ރޭޑިއޯ އަދާކުރާ ދައުރު ފަހުގެ ޖީލުތަކަށް އެނގި، ވިސްނިފައިވުމަކީ މުހިއްމު ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސާޖިދާ ވިދާޅުވީ އެ ކަމުގެ ފިކުރާއި އެކަމުގެ އިލްމު ކުޑަކުދިންނަށް ފޯރައި މިކަމަށް ފަރިތަ ޒުވާނުން ބިނާވުމަކީ މާދަމާއަށްޓަކައި ކުރެވޭ އުންމީދެއް ކަމަށެވެ. ބްރޯޑްކާސްޓިންއަކީ ވަރަށް ބޮޑު ގައުމީ އަމާނާތެއްކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ ގައުމުގެ މަސްލަހަތު ދިފާއުކުރުން ދީނާއި އަހްލާގާއި މަސައްކަތްތެރިކަމަށް ހިތްވަރުދިނުމަކީ ޓީވީ އަދި ރޭޑިއޯގެ އެންމެ މުހިންމު ބޭނުންކަމަށެވެ.
ބްރޯޑްކޮމްއިން ކުރިއަށްގެންދިޔަ މުބާރާތަކީ އައު ޖީލެއް ބްރޯޑްކާސްޓިން ދާއިރާއަށް ޝައުގުވެރިކުރުވުމަށް ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެއްކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ މި ދާއިރާ ކުރިއަށްއޮތްތަނުގައިވެސް އިތުރަށް ފުޅާވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.