79 އުޅަނދަކުން ކިރި މަހަށް 4.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ މިއިީ މިފްކޯއަށް މި މަހުގެ 22 ވަނަ ދުވަހު ކިރާފައިވާ މަސް ކަމަށެވެ.

4,746,204 ރުފިޔާ ބޭންކަށް ޖަމާކޮށްފައިވާކަން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީއިން ބުނީ ބޭންކް އޮފް މޯލްޑިވްސްގެ ޓްރާންސްފާތައް މިއަދު ހެނދުނު 10:30 އާއި މެންދުރުފަހު 12:30އާ ދެމެދު ނިމޭނެ ކަމަށެވެ. އަދި އެހެން ބޭންކުތަކުގެ ޓްރާންސްފާތައް ދެން ބޭންކު ދުވަހުގެ ހަވީރު 4:30 ގައި ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މުޒާހަރާ ކޮށްފައިވާ އިރު ސަރުކާރުން އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ (ޑިސެމްބަރު 10) މަސްވެރިންގެ ދުވަހުން ފެށިގެން މިފްކޯއަށް މަސްކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ކުރީ ސަރުކާރު ނިމުނު އިރު، މަސްވެރިންނަށް ފައިސާ ނުދީ، 250 މިލިއަނެއްހާ ރުފިޔާގެ ބެކްލޮގެއް އޮތް އިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ފައިސާ މަސްވެރިންނަށްފީ ހަލާސްކޮށްފައެވެ.