މާދަމާ ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ފެބްރުއަރީ 6 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ އެދުވަހަކީ މަޖިލީހުގެ ތަޅުމުގައި ރިޔާސީ ބަޔާން އިއްވަވާ ދުވަހަށް ވުމުންނެވެ.

އެކަން އިއުލާންކޮށް ހުސްވި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެއަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ނިންމަވާފައިވާކަމަށެވެ.

ނަމަވެސް އިމިގްރޭޝަނުން ބުނީ، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އެ އިދާރާއިން ޕާސްޕޯޓުގެ ހިދުމަތް ދެމުންދާނެ ކަމަށެވެ. އެގޮތުން އެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ:

  • ޕާސްޕޯޓަށް އެދި ހުށަހެޅުން - އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު
  • އިމިގްރޭޝާނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުން - ހެނދުނު 09:00 އިން 13:00 އަށް. (ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް)
  • ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން - ހެނދުނު 08:30 އިން 14:00 އަށް

އަދި މި ގަޑިތަކުގައި ހިދުމަތް ލިބިގެންދާނީ މާލެ، ހުޅުމާލެ 1 ފޭސް އަދި ހުޅުމާލެ ފޭސް 2 ގައި ހުންނަ އައުޓްލެޓްތަކުން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ ސަރުކާރު ބަންދު ދުވަސްތަކުގައި ހިދުމަތް ދީފައި ވެއެވެ. އެގޮތުން ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމަށް އީދު ބަންދު ތަކުގެ އިތުރުން އެހެނިހެން ބަންދުތަކުގައި ވެސް ޕާސްޕޯތު ދޫކޮށްފައި ވެއެވެ.