ތޫނު އެއްޗަކުން ބިރު ދައްކައި ބިދޭސިއެއް އަތުން ހާހަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ.
މީޑިއާ އާ ހިއްސާކުރި މެސެޖުގައި ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ ރޭ 10:15 ހާއިރު މާލޭގެ ރަސްފަންނު ސަރަހައްދު ބަލަހައްޓަމުން ދިޔަ ފުލުހުންނަށް ކަމަށެވެ.
"މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މާލެ ރަސްފަންނު ސަރަހައްދުގައި ފުޓް ޕެޓްރޯލްކުރުމުގައި އުޅުނު ޕެޓްރޯލް ބީޓަކަށް ބަޔަކު ދުވެފައި ދާތަން ފެނުމުން، ދުވެފައި ދިޔަ މީހުންގެ ފަހަތުން ދިޔަ މީހާ އާ ބައްދަލުކުރުމުން،" ފުލުހުން ބުންޏެވެ.
ފޭރުނު ކަމަށް ތުހުމަތުވާ މީހުން ހޯދައި ހައްޔަރުކުރުމަށް މަގުމަތި ބަލަހައްޓަމުން ދިޔަ އިތުރު ފުލުހުންގެ އެހީތެރިކަމާ އެކު ތިން ދިވެއްސަކު މާލޭގެ ނޯތު ހާބަރު ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަކީ:
- އަހްމަދު ފަޔާޒް، ދިގުވާނޑު، ގުރަހާގެ / ފުވައްމުލައް (30އ)
- މުބާރިކް މުހައްމަދު، އައްޒާ / އައްޑޫ ހިތަދޫ (34އ)
- އަހްމަދު ނަދީފް، ދިގުވާނޑު، ކައިރުގެ / ފުވައްމުލައް (36އ)
ފުލުހުން ބުނީ، މި މީހުން ފޭރިފައިވަނީ 1،000ރ އާއި 10 ޔޫރޯ (160.49ރ) އާއި 10 ބަންގްލަދޭޝް ޓަކާ (1.26ރ) އާއި 20 ލަންކާ ރުޕީސް (1.03ރ) އާއި 500 އިންޑިއާ ރުޕީސް (89.14ރ) ގެ އިތުރުން ދެ ސިންގަޕޫރު ޑޮލަރު (22.72ރ) އެވެ. އެއީ ޖުމްލަ 1،274.62ރ އެވެ.
މީގެ ތެރެއިން ފޭރުނު މީހުން އަތުން ފެނިފައިވަނީ 1،000ރ އާއި 20 ލަންކާ ރުޕީސް އާއި ދެ ސިންގަޕޫރު ޑޮލަރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.