މިހާތަނަށް އެއާ އެމްބިއުލާންސްގައި 800 އަށް ވުރެ ގިނަ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ހެލްތް މިނިސްޓްރީ އިން ބުނީ އެއާ އެމްބިއުލާންސް ބޭނުންކޮށްގެން މިހާތަނަށް 700 މެޑިކަލް ދަތުރު ކޮށްފައިވާ ކަމަށާއި، 804 ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހުއެވެ. މި ހިދުމަތުމައި ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ޑޭޝް-8 މަރުކާގެ ބޯޓެއް އެކަނި ނަމަވެސް މާޗު 15 އިން ފެށިގެން މި ހިދުމަތުގައި ޑީއެވްސީ-6 ޓްވިން އޮޓާގެ ސީ ޕްލޭނެއްވެސް ވަނީ ބޭނުންކުރަން ފަށާފައެވެ.

މޯލްޑިވިއަން އިން ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކޮށްފައިވާ ފުރަތަމަ އެއްމަސް ދުވަހުގެ ތެރޭގައިވެސް ޖުމުލަ 66 އިވަކުއޭޝަން ހަދާފައިވާކަމަށެވެ.

މޯލްޑިވިއަނުން ވަނީ ޑީއެޗްސީ-6 ޓްވިން އޮޓާގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުން ފެށުން ވެގެންދާނީ ސިއްހީ ގޮތުން ލިބޭ ބޮޑު ކުރިއެރުމަކަށް ކަމަށާއި، މި ސީޕްލޭންތަކުގައި ޒަމާނީ އެމަޖެންސީ މެޑިކަލް ވަސީލަތް ހަރުކުރެވިފައި ހުންނާނެ ކަމަށް ބުނެފައެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެނީ އައިލެންޑް އައިލެންޑް އޭވިއޭޝަން ކުންފުންޏާ ގުޅިގެންނެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރެއްވި އިރު ހެލްތް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ހަލީލް ވަނީ އެމަޖެންސީ ހާލަތުގައި ބޭނުންވާނެ ހުރިހާ ހިދުމަތެއް އެއާ އެމްބިއުލާންސްއިން ލިބެން ހުންނާނެ ކަމަށާއި، މިކަމަށް ހާއްސަކޮށް 5 ނަރުހުންނާއި 5 ޑޮކްޓަރުންނާއި އަދި 5 ޓެކްނީޝަނުން ތަމްރީނުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.