ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޓީޗަރު ދޫކޮށްލައިފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމާއެކު މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއިންނެވެ.
ދަރިވަރަކަށް ދިމާވި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެޑިކޭޝަން މިނިސްޓަރު ވިދާޅުވެފައި ވަނީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.