ރަށެއްގެ މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލަ ބަލައި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި ވަނީ ތ. ވިލުފުށީގެ މިސްތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން އެކުވެގެން ހަރަކާތްތަކެއް ހިންގައި އެތަކުންގައި ކުޅިވަރުތަކެއް ކުޅޭ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މިސްކިތް ތެރޭގައި ބިދޭސީ އަންހެނުންނާއި ފިރިހެނުން ވެސް ބައިވެރިވެފައި ވެއެވެ.

މި ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މިކްކިތްތަކުގެ ހުރުމަތް ކެނޭ ގޮތަށް ހިންގާ މިފަދަ ހަރަކާތްތައް ކުށްވެރި ކުރާ ކަމަށް ގިނަ ބަޔަކު ބުނެފައިވާ އިރު، މިކަމާ މެދު ފިޔަވަޅު އަޅާނެ ފަރާތެއް ނެތް ކަމަށް ވެސް ބުނެ އާންމުން އަންނަނީ ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބަލަން ފަށާފައިވާ ކަމަށާއި މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ތ. ވިލުފުށީގައި މިދިޔަ އަހަރުތެރޭ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގާފައިވާ ހަރަކާތެކެވެ.