ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ އުޅަނދެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ އުޅަނދުގައި 6 މީހުން ތިބި ކަމަށެވެ. އަދި މިހާރު އެ އުޅަނދު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް އެތެރެވި ލަންކާގެ މަސް ބޯޓެއް މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ވެސް އެމްއެންޑީއެފްއިން ވަނީ ޑްރޯންގެ އެހީގައި ހޯދައި ހިފަހައްޓައިފައެވެ. އެ ބޯޓު ހިފެހެއްޓިއިރު ބޯޓުގައި 3 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.