މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މައުލޫމާތު ބަދަލުކުރުމަށް ރާއްޖެއިން، އެސްޓޯނިއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެސްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް، މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލްއެވެ.
މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލުކޮށް، އެހީދިނުމާއެކު އެ ދާއިރާތަކުގެ ކުރިއެރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އެއްބަސްވުމުގެ ބޭނުމަކީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި ތިމާވެށްޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި އިއާދަކުރަނިވި ހަކަތަ ގާއިމްކުރުމަށްކުރެވޭ މަސައްކަތްތައް ރާއްޖޭގައި ހަރުދަނާކުރުން ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި ދަތުރުފުޅުގައި އެސްޓޯނިއާ ރައީސް ޑރ. އަލާރް ކަރިސް އާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ދިވެހިރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަން ހާމަކުރައްވަމުން ރައީސް ވަނީ ދެ ގައުމުވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާހަމައިގައި ކަމަށެވެ.