ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓުތައް ކައިރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް ކުށަށް އިއުތިރާފް ވުމުން ޖޫރިމަނާގެ އަދަބެއް ދިނުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި އެކްސިޑެންޓުގައި، ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާއިރު އެއީ ހ. ނޫރަންމާގެ، އިކްރާމުއްރަހުމާން އާއި މ. ލޭންޑް އޮފް ގާޑަން، އިބްރާހިމް އިކްރާމްގެ އިތުރުން ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއީލްއެވެ.

ކާރު ދުއްވަން އިން އިކްރާމްގެ މައްޗަށް ދައުލަތުން ވަނީ 6 ދައުވާއެއް އުފުލާފައެވެ. އެއީ އަނިޔާއެއް ދިނުން، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުން، މުދަލަށް ގެއްލުން ދިނުން، އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓު ނުކުރުން އަދި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއެވެ.

އިކްރާމް ވަނީ ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ. އެގޮތުން މި އެއްބަސްވުމުގައި އޭނާއަށް އަންނަ ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކުރަން ވަނީ އެއްބަސްވެފައެވެ.

މި މައްސަލައިގައި އިކްރާމް ވަނީ އަނިޔާ ލިބުނު ފަރާތް އިން ސައިކަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 90،000 ރުފިޔާ އަދި ގެއްލުން ލިބުނު ދެވަނަ ސައިކަލަށް 5000 ރުފިޔާ ދައްކާ ހަލާސްކޮށްފައެވެ. މިއާއެކު އިކްރާމްގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާ ވަނީ އަނބުރާ ގެންގޮސްފައެވެ.

މީގެއިތުރުން އަނިޔާ ލިބުނު ފަރާތުން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ހަރަދުވި 4004 ރުފިޔާ އާއި އެފަރާތަށް ލިބުނު ނަފްސާނީ އަދި އެހެނިހެން ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި 20،000 ރުފިޔާވެސް އިކްރާމް ދައްކާފައިވާކަމަށް ދައުލަތުން މިއަދު ވަނީ ފާހަގަކޮށްފައެވެ.

އިކްރާމް ދައުލަތާއެކު ހަދާފައިވާ އެއްބަސްވުން ބަލައިގަނެ އެއްބަސްވުމުގައިވާ ގޮތަށް، އޭނާގެ މައްޗަށް އަންނަ ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް، ސާބިތުވެފައިވާ ހަތަރު ދައުވާއަށް ޖުމްލަ 70،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.