ގިނަ އަދަދެއްގެ (ޓްރެޝަރީ ބިލް) ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހުޅުވާލާފައި ވަނީ 1 މަސް ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 523.8 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 3 މަސް ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 628.5 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ.
މީގެ އިތުރުންވެސް 6 މަސް ދުވަހުން އަނބުރާ ދެއްކުމަށް 838.1 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އެއް އަހަރު ދުވަހުން އަނބުރާ ދެއްކުމަށް 942.8 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކުމަށްވެސް އެ މިނިސްޓްރީން އިއުލާނުކޮށްފައިވެއެވެ.
ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. މިއީ 2025 ވަނަ އަހަރު ފެށުނު ފަހުން ޓީ-ބިލް ވިއްކަން ހުޅުވާލި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ޓީ-ބިލް ވިއްކަނީ ދައުލަތުގެ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެހި ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވުމުން، ފައިސާ ޗާޕް ނުކޮށް އެކަން ކުރެވޭނެ ގޮތް ހެދުމަށެވެ. މީގެ ކުރިންވެސް ސަރުކާރުންވަނީ އެކި އަދަދުގެ ޓީ-ބިލް ވިއްކާފައެވެ.
ފިނޭންސް މިނިސްޓްރީން ވިއްކާ ޓީ-ބިލްތައް އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ގަނެއެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ ބޮޑެތި އަދަދު ތަކުން ޓީ-ބިލް ވިއްކާފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުވެސް ޓީ ބިލް ވިއްކާފައި ވާއިރު އެފަހަރު ވެސް 1.6 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައެވެ.
ޓީބިލާއި ޓީބޮންޑުގެ މައުލޫމާތު މީގެ ކުރިން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމު ކުރަމުން ދިޔަ ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ޓީބިލް ވިއްކައި ތަފާސް ހިސާބުތައް ބެލެހެއްޓުން ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައެވެ.