ފުލުހުން ބަލަމުންދާ މޯލްޑިވްސް ކަސްޓަމްސް އޮފިސަރުންތަކެއްގެ ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލައިގައި ތުހުމަތު ކުރެވޭ އެއްވެސް އޮފިސަރަކު ރިޓަޔާކޮށްފައި ނުވާނެ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ކަސްޓަމްސްއިން ބުނީ ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން މަނީ ލޯންޑްރިން، ހިޔާނާތް އަދި ރިޝްވަތާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގެއް ކުރަމުން ގެންދާ ކަމަށް އެ ސާވިސްއަށް އަންގާފައިވާ ކަމަށެވެ.
އެގޮތުން ތަހުގީގުގައި ހިމެނޭ އޮފިސަރުންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާފައިވާ އެއްވެސް އޮފިސަރެއް ކަސްޓަމްސްއިން ރިޓަޔާކޮށްފައި ނުވާނެކަން ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސް ސާވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތުގެ އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ފުލުހުން ބަލަމުންދަނީ ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެކެވެ.
20 ވަރަކަށް އޮފިސަރުން ހިންގި މި ޖަރީމާގައި ފައިސާ ހޯދާފައި ވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިން ކަމަށް މި ނޫހަށް ވަނީ އެނގިފައެވެ. އަދި މި ހިޔާނާތުގައި އެ އިދާރައިގެ ސީނިއާ މުވައްޒަފުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ ކުރިންވެސް ކަސްޓަމްސްއަށް ރިޝްވަތުގެ އެކި މައްސަލަތަކުގައި ތުހުމަތު އޮވެއެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހު ތެރޭ ގަވާއިދާ ހިލާފަށް ރާއްޖެއަށް މުދާ އެތެރެކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ބައެއް މިފަދަ މައްސަލަތަކުގައި އެ އިދާރާގެ މުވައްޒަފުން ވަޒީފާއިންވެސް ވަކިކޮށްފައި ވެސް ވެއެވެ.