ގދ. ނަޑެއްލާގެ ރައްޔިތުންނަށް މި ވަގުތަށް ބޭނުންޖެހިފައިވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމާއި، އެގޮތުން އެ ރަށު ބަނދަރުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މި މަހު އިއުލާނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ހުވަދޫގެ ރަށްރަށަށް މިވަގުތު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މެންދުރުފަހު ނަޑެއްލާ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، 2008 ވަނަ އަހަރު ނަޑެއްލާގައި އޭރު ތަރައްގީކުރި ބަނދަރަކީ މިހާރު އެ ރަށުގެ ތަރައްގީ އާ އަޅާ ބަލާއިރު ކުޑަ ބަނދަރެއް ކަމަށާއި، އެހެންކަމުން އެ ރަށުގެ ބަނދަރު ތަރައްގީކުރާނެ ބަޔަކު ހޯދަން މި މަހުގެ ތެރޭ އިއުލާނުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ނަޑެއްލާގެ ބަނދަރު ތަރައްގީކުރެވިގެން ދިއުމާ އެކު އެ ރަށަށް ދިމާވެފައިވާ އުދަ އެރުމާއި ރަށް ގިރުމުގެ މައްސަލަތައް ހައްލުވެ، އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ފިލައި ގޮސް ހިތްހަމަޖެހިގެން އުޅުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން ނަޑެއްލާ އަށް ދެން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ:
- އެ ރަށުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުން
- އެ ރަށުގެ ސްކޫލުގެ ޖާގަ އާއި ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުން
- ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ފަށައި ވޮލީކޯޓު ވަށައި ފެންސް ޖެހުން
- ފުލުހުންގެ ހިދުމަތާއި އޭޓީއެމް ގާއިމްކުރުމުގެ މަސައްކަތް ފެށުން
މި ވަގުތު ހުވަދު އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ދެން މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގދ. ވާދު އަށާއި އެ އަތޮޅުގެ ފިޔޯރީއަށެވެ.