ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްގެ ފުރަތަމަ ދަތުރު ކުރާނީ މިމަހު 21 ގައި ޗައިނާގެ ޗެންޑޫއަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އަމީން ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް އިނީ މިމަހުގެ 21 ގައި ޗެންޑޫއަށްކަމަށެވެ. މަތިންދާ ބޯޓެއް ގެނެސް ވަގުތުކޮޅެއް ނަގާނެކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ވައިޑް ބޮޑީ އޮޕަރޭޓްކުރާ ކްރޫއިން ވެސް އެ ބޯޓުގައި ހަދަންޖެހޭ ޓްރެއިނިންތަކާއި ބައެއް ކަންތައްތައް ހުންނާނެ ކަމަށެވެ.
ޗައިނާގެ 3 ސިޓީއަކަށް ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ކުރަން ހަމަޖެހިފައިވެއެވެ. އެއީ ޗައިނާގެ ކެޕިޓަލް ބެއިޖިންއަށާއި، ޝެންހާއި އަދި ޗެންޑޫ އަށެވެ.
ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުން ފާހަގަކުރުމަށް އިއްޔެ ހަވީރު ވަނީ އެއާ ޝޯއެއްވެސް ބާއްވާފައެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވައިޑް ބޮޑީ އެއާކްރާފްޓަކީ 275 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ.
ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި މިދިޔަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓުތަކެވެ. މި މަތިންދާ ބޯޓުތަކުގައި ސީދާ 13،000 ކިލޯމީޓަރުގެ ދުރުމިނެއް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާއިރު މިއީ ހަނި ބޮޑީ މަތިންދާ ބޯޓަކަށްވުރެ ތިންގުނަ ބޮޑު މަތިންދާ ބޯޓެކެވެ.
މީގެ ކުރިން މީޑިއާ ދިން އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ވައިޑް ބޮޑީ މަތިންދާބޯޓުތައް ހިމެނުމަކީ މޯލްޑިވިއަންގެ ބައިލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ހިފާފައިވާ އަމާޒުގެ މުހިއްމު ހިއްސާއެއްކަމުގައެވެ. މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓް ގެންނަން ހަމަޖެހިފައިވާކަން ހާމަކޮށް އަމީން ވިދާޅުވީ އެ ބޯޓުތަކާ އެކު އާ 7 މަންޒިލަކަށް ދަތުރުތައް ފަށާނެކަމަށެވެ.