ހަމާސް އާއި އިޒްރޭލު ސުލްހަ ކުރުވުމުގެ ނަމުގައި ގަތަރުގައި އަލުން ވާހަކަތައް ފެށި ވަގުތާ ދިމާކޮށް, އިޒްރޭލުން ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދީ ގިނަބަޔަކު ޝަހީދު ކޮށްލައިފިއެވެ.

ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ހަމަލާތައް ވަކިން ވަރުގަދަ ކޮށް އެތަން މިތަނަށް ބޮން އަޅާ ދިން ހަމަލާތަކުގައި ޖުމްލަ 150 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އިޒްރޭލުގެ އުދުވާނާ ހުރެ ގެދޮރު ދޫކޮށް ނިކުމެގެން ގޮސް ޓެންޓްތަކުގައި ތިބި އާންމުންނާއި ކުޑަކުދިން ގިނައެވެ.

ސުލްހައިގެ ވާހަކަތައް 'ވަރިހަމަ އޭ' ބުނާ މޭރުމަކުން އަމަލުތައް ބަހައްޓަމުން އިޒްރޭލުން ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ ގަތުލު އާންމުގައި ކަމާލް އަދްވާން ހޮސްޕިޓަލްގެ ޑައިރެކްޓަރު ޑރ. ހުސާމް އަބޫ ސަފީއާ ހިފާ ހައްޔަރު ކޮށްގެން އިޒްރޭލުން ވަނީ ގެންގޮސްފައެވެ. އަދި އެ ހޮސްޕިޓަލަށް ޓެރަރިސްޓް ހަމަލާ ދީ އެތައް ބަޔަކު ޝަހީދު ކޮށްލައި ހޮސްޕިޓަލް ވަނީ ހިދުމަތް ނުދެވޭ ވަރަށް ހަލާކު ކޮށްލާފައެވެ.

ގަތަރުގައި ސުލްހައިގެ ވާހަކަތައް ފެށިގެން ކުރިއަށް ދާ އިރު ހަމާސްގެ ޓީމުން ބުނަނީ ސުލްހަ ގާއިމު ކުރުމަށް އެމީހުން ސީރިއަސް ކަމަށާއި, އެދެނީ ހިފާފައިވާ ގާޒާގެ ބިންތަކުން އިޒްރޭލު ފޭބުމާއެކު, ވަޒަނުން ބޭރު ކޮށްލި މީހުނަށް އަނބުރާ އެމީހުންގެ ގެދޮރަށް ދެވޭނެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

ހަމާސް އިން އެހެން ބުނެފައި ވާ އިރު ގާޒާގައި މިހާރު ކޮޅަށް ހުރި އިމާރާތެއް ނެތޭ ބުނާ ވަރަށް މުޅިތަން ވަނީ ސުންނާފަތި ކޮށްލާފައެވެ. ޝަހީދު ކޮށްލި މީހުންގެ އަދަދު ވަނީ 45,658 އަށް އަރާފައެވެ. ޒަހަމް ކޮށްލި މީހުންގެ އަދަދު 108,583 އަށް އަރައެވެ.