އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ނުވަތަ އީ-ޕޯޓަލްއަށް އާ ބަދަލުތަކެއް ގެނެސް، އިތުރަށް ތަރައްގީކޮށްފިއެވެ.

މިއަދު އެމްޑަބްލިއުއެސްސީގެ އޮންލައިން ހިދުމަތްތަކަށް ގެނައި ހެޔޮ ބަދަލުތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ ޖެނެރަލް އައިސީޓީ މެނޭޖަރު އަހުމަދު އުނައިސް ވިދާޅުވީ މީގެކުރިން ކަސްޓަމަރުންނަށް ފައިސާ ދެއްކުނީ ކޮން ބިލަކަށްކަމެއް ނޭނގޭނެ ކަމަށާއި މި ކަމުގެ ސަބަބުން ކަސްޓަރަމަރުންނަށް ދަތި ތަކާ ދިމާވަމުން ދިޔަކަމަށެވެ.

ނަމަވެސް މިހާރު މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް ފައިސާ ދެއްކުނީ ކޮން ބިލަކަށްކަން ފަސޭހަ ކަމާއެކުނ ޕޯޓަލުން ބަލާލެވޭނެ ކަމަށާއި، މިއާއެކު ކަސްޓަމަރުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޕާޓް ޕޭމެންޓު އިސްޓޯލްމެންޓު އެގްރިމެންޓު ހަދާފައިވާ ކަސްޓަމަރުންނަށް މިހާރު ޕޯޓަލް މެދުވެރިކޮށް އިސްޓޯލްމެންޓަށް ވަކި ވަކިން ފައިސާ ދެއްކޭނެ ކަމަށްވެެސް އުނައިސް ވަނީ ވިދާޅުވެފައެވެ.

އެމްޑަބްލިއުއެސްސީގެ އޮންލައިން ހިދުމަތްތަކަށް ގެނައި ހެޔޮ ބަދަލުތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އައިޝަތު އިބްރާހިމް - ދަ ޕްރެސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ މި އަހަރަކީ ކުންފުންޏަށް އެންމެ ހެޔޮ ބަދަލެއް ގެނެވުނު އެއް އަހަރު ކަމަށާއި މި އަހަރު 23 ހާސް ކަސްޓަމަރުންނަށް މާލޭގެ އެމްޑަބްލިއުއެސްސީ ކައުންޓަރުން ތަކުން ހިދުމަތް ދެވިފައިވާ ކަމަށެވެ. އަދި 80 ހާހަށް ވުރެ ގިނަ ކަސްޓަމަރުންނަށް ކޯލް ސެންޓަރުތައް މެދުވެރިކޮށް ހިދުމަތް ދެވުނު ކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ ޕޯޓަލަށް ގެނެވުނު މި ހެޔޮ ބަދަލާއެކު ކޯލް ސެންޓަރަށް އަންނަ ކޯލްތައްވެސް މަދުވެގެން ދާނެ ކަމަށެވެ.

މަތީން ވިދާޅުވީ މިހާރު ޕޯޓަލް ތެރޭން ކަސްޓަމަރުންނަށް އެމީހުންގެ ޑެއިލީ ވޯޓާ ކޮންސަމްޕްޝަން ފެނިގެންދާނެ ކަމަށާއި މި ކަމުގެ ސަބަބުން ފެން ބޭނުން ކުރެވޭ މިންވަރު ކަސްޓަމަރަށް ދެނެގަނެވި ބޭނުން ކުރާ ވަރު ހިފެހެއްޓުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. މީގެއިތުރުން ވަކިވަކި މީޓަރުތަކުން ފެންބޭނުން ކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިންގްވެސް އީ ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެކަމަށާއި، އެއް މީޓަރަށް ވުނެ ގިނަ މީޓަރު ގެންގުޅޭ ކަސްޓަމަރުންނަށްވެސް އެއް ބިލަކުން މި ހުރިހާ މީޓަރަކަށް ފައިސާ ދެއްކޭނެ ކަމަށް މަތީން ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހަކޮށް ހިދުމަތް އަވަސްކުރުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުން
އެމްޑީ މަތީން

މަތީން ވިދާޅުވީ އަންނަ އަހަރުގެ ފެށޭ ކޮޅުވެސް އާ ހިދުމަތްތަކެއް ތާރަފް ކުރެވިގެން ދާނެ ކަމަށާއި، މިކަން ކުރުމަށް ކަސްޓަމަރުންގެ ފީޑްބެކް ނަގަމުން ދާނެ ކަމަށެވެ.