ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކޮރަޕްޝަންގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އާއި ޗީފް ފައިނޭންޝިއަލް އޮފިސަރު ޔާސިރު ހަސަނަށް ފުރުން މަނާކޮށްފިއެވެ.

ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މޫކޭ އާއި ޔާސިރަށް ފުރުން މަނާ ކޮށްފައި ވާކަން ފާހަގަކޮށް ފުލުހުން ބުނީ އެކަން އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

ފުލުހުން ތަހްގީގު ކުރަމުން ދަނީ އާރުޑީސީގެ އެކައުންޓުގައި ހުރި ފައިސާ، އެ ތަނުގެ އިސް މަގާމެއްގައި ހުންނެވި އަމިއްލަ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށް، އެކި މީހުންނަށާއި ކުންފުނިތަކަށް ފައިސާ ޖަމާކުރި މައްސަލައެކެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ:

  • މޫސާ އަލިމަނިކު ދިރިއުޅުއްވާ ތަނާއި ޔާސިރަށް ނިސްބަތްވާ ދެ ތަނެއް ބަލައި ފާސްކޮށްފައި
  • އެ ތަންތަން ބަލައި ފާސްކޮށް ތަހްގީގަށް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައި

އާރުޑީސީގެ ކޮރަޕްޝަންގެ މައްސަލައެއް ތަހްގީގު ކުރާކަން ފުލުހުން ހާމަކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެއީ މޫސާ އަލިމަނިކާއި ޔާސިރު ގުޅިގެން އެ ކުންފުނީގެ އެކައުންޓުން ނެގި ކަމަށް ތުހުމަތު ކުރެވޭ 13.8 މިލިއަން ރުފިޔާގެ މައްސަލައެކެވެ.

ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އާރުޑީސީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ވެއެވެ. ނަމަވެސް މޫސާ އަލިމަނިކު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ.