ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ފުލުހުންގެ ކާރަށާއި ސައިކަލަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
ރޭ އެކްސިޑެންޓް ހިނގިކަމަށް ފުލުހުން ބުނީ ދަންވަރު 1:50 ހާއިރެވެ. މި ހާދިސާގައި އުމުރުން 18 އަހަރުގެ ޒުވާނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މީޑިއާ އާ އޭރު ހިއްސާކުރި މައުލޫމާތުގައި ވެއެވެ.
ފުލުހުން ފަހުން މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ ޒުވާނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލު ކޮށްފައެވެ. އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ ޒުވާނާގެ ހާލު ސީރިއަސް ވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުން ދާ ކަމަށެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.