ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކޮށް ހަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން އަންގާ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުތަކަށް ސާކިއުލާއެއް ފޮނުވައިފިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ކްރިސްމަސް ފާހަގަކުރާކަމަށް ބުނެ އެ ފަދަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މީގެ ކުރިން ދައުރުވެފައިވާއިރު މިނިސްޓްރީން ފޮނުވި ސާކިއުލާގައިވަނީ އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ފަތުރުވެރިން ގެންނަ ފަރާތްތަކުންވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ މީހުންނަށް އިރުޝާދު ދޭންވާނެ ކަން ފާހަގަކޮށްފައެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގައިވާ ގޮތަށް ބިދޭސީންނާއި ފަތުރުވެރިންނަށް އިރުޝާދު ދިނުމަކީ އެ މީހުން ރާއްޖެ ގެންނަ ފަރާތްތަކުގެ ޒިންމާއެއްކަމަށް މި ސާކިއުލާގައިވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މި ސާކިއުލާގައިވަނީ ރާއްޖޭގައި އުޅޭ އެހެން ދީންތަކުގެ މީހުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ އެހެން ދީންތަކުގެ މީހުން، އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި، އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތެއް ހިންގުން އަދި އެ މީހުންގެ އެ ކަހަލަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެއް ކަމަށެވެ.

ރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުން މަނަކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ގެސްޓް ހައުސް ހިންގާ ރަށްރަށުގައިވެސް އެ ކަހަލަ ތަންތަން ހިންގުމުގެ ގަވާއިދާ އެއްގޮތަށް އުޅުމަށް އެދިފައެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ކަހަލަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނަށް އިރުޝާދު ދިނުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.