ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރި ރިޕޯތްގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެންޓިކޮރަޕްޝަން ކޮމިޝަންގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އެދިއްޖެއެވެ.

ޕީޖީ އިން ބުނީ، ނޮވެންބަރު 17، 2018 އިން ފެށިގެން ނޮވެންބަރު 17، 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަގާ މުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާ އާއި މުދާ، އެ ތަކެތީގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ދީ، އަދި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބަޔާންކޮށްފައި ވާ ކަމަށް ޕީޖީން ބުނެއެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ހިލާފަށް، އަދި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ޕީޖީން ބުނެއެވެ.

އެ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓިކޮރަޕްޝަން ކޮމިޝަނަށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއް ކަމަށް ފެންނާތީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އޭސީސީގައި މި މަހުގެ 17 ވަނަ ދުވަހު އެދިފައިވާ ކަމަށް ޕީޖީން ބުނެއެވެ. އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން މަޝްވަރާކުރަމުން ގެންދިއުމަށް އެދިފައިވާ ކަަމށް ވެސް ޕީޖީން ބުނެއެވެ.

މާލިއްޔަތު ކޮމިޓީ އިން ވަނީ ސެޓްލްމަންޓް ކޮމިޓީން ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކުރުމަށާއި، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާ ނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ އިތުރުން މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ.

މީގެއިތުރުން އޭޖީ އޮފީހުން މި މައްސަލަ ދިރާސާކުރި އިރު އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ ބަހެއް ނެތި ވަކި ފަރާތްތަކަކަށް ނުޙައްގު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައި ވާކަމަށްވެސް ވަނީ ބުނެފައެވެ.

މިއާއެކު ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ ބާތިލު އެއްބަސްވުންތަކެއް ކަމަށް އޭޖީ އޮފީހުން ވަނީ ނިންމާފައެވެ. އެގޮތުން 9 ސެޓްލްމަންޓް އެގްރީމަންޓަކަށް އަމަލުކުރަން ނުޖެހޭ ކަމަށް ވަނީ ނިންމާފައެވެ.

މި ސަރުކާރުވެރިކަމާ ހަވާލުވުމަށް ފަހު، ކުރީގެ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވާ މައްސަލަތަކާ ގުޅިގެން، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައި އޮތް ސެޓްލްމަންޓް ކޮމިޓީ ވަނީ އުވާލާފައެވެ.

ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓެއްގައި ވެސް ވަނީ އެފަދަ މައްސަލައެއް ފާހަގަކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު، ދީބާޖާ އާއެކު ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން އެދިގެން ހެދި އޮޑިޓް ރިޕޯޓެކެވެ.

64 މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވުމެއް ހަދާފައި ވަނީ، ފެބްރުއަރީ 1، 2010 ގައި ހެދި ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބުނު އެހެނިހެން މަންފާތަކުގެ އަގަށް ރިއާޔަތް ނުކޮށް ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. ހަމައެއާއެކު ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖެއިން ބޭރުން ގެނައި ތަކެތީގެ އަގަށް 2،760،000 ރުފިޔާ ނަގައި ދިނުމަށް ކަނޑައެޅި އިރު، އެ ތަކެއްޗާ މެދު ދީބާޖާއިން ކަންތައް ކޮށްފައިވާ ގޮތާއި، އަދި އެ ތަކެތި ވިއްކާލައިގެން އެއްވެސް މާލީ މަންފާއެއް ހޯދާފައިވޭތޯ ވެސް އެ ކޮމިޓީން ބަލާފައެއް ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.