ރާއްޖޭގައި ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީތެރިކަމާއެކު ލެބޯޓަރީއެއް ގާއިމު ކުރުމުގެ ގޮތުން ދިރާސާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮކްނަޓް ހިސްފިޑް ބީޓްލް ނަމަކަށް ކިޔާ ރުކުމަޑިއަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ގެންލުންދޭ ސޫފާސޫފީގެ ތެރެއިން އެންމެ ނުރައްކާތެރި ސޫތްޕެވެ. މި ސޫފިން ކޮންޓްރޯލް ކުރުމަށް މީގެ ކުރިންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، މިއަހަރުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުވަނީ ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ މިމަޑި ކޮންޓްރޯލްކުރުމަށް ތިމާވެއްޓާ ރައްޓެހި، އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ހާއްސަ ލެބޯޓްރީއެއް ގާއިމް ކޮށްދީ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދިނުމަށް ހާއްސަ މަޝްރޫއެއް ހިންގުމަށް ޗައިނާގެ ސަރުކާރުން މިހާރުވަނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) އާއި ހަވާލުކޮށްފައެވެ.

އެ އިންސްޓިޓިއުޓްގެ 4 ޕްރޮފެސަރުން މިމަހުގެ 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންފައިވާއިރު ފަންނީ މާހިރުންގެ މިޓީމުން ރާއްޖެއަށް ކުރާ މިދަތުރުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ގާއިމުކުރުމަށްޓަކައި ހަދަންޖެހޭ އެންމެ ފަހުގެ ދިރާސާތައް ހެދުމެވެ. އަދި ލެބޯޓްރީ ހަދަން ކަނޑައަޅާ ސަރަޙައްދު ބަލައި އެތަނުގައި ލެބޯޓްރީ ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭނެ މަގު ތަނަވަސްކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމެވެ.

ހަނިމާދޫއަކީ ހިސްޕިޑް ބީޓްލްގެ މައްސަލަ އުޅޭ ރަށަކަށްވެފައި ސެންޓަރުން ލިބެންހުރި ބައެއް އިމާރާތްތަކަކީ ލެބޯޓްރީއެއް ހެދުމަށް ބޭނުންކުރެވިދާނެ އިމާރާތްތަކެއް ކަމަށް ފެންނާތީ ހަނިމާދޫ އެގްރިކަލްޗާ ސެންޓަރަކީ މިވަގުތު އެންމެ އަވަހަށް މިފަދަ ލެބޯޓަރީއެއް ގާއިމުކޮށް މަސައްކަތްފެށުމަށް އެންމެ އެކަށީގެންވާ ތަން ކަމުގައި އެޓީމުން ވަނީ ފާހަގަކޮށްފައެވެ.

ކަޓާސް ގެ ފަންނީ މާހިރުންގެ ޓީމު މިވަގުތު ހަނިމާދޫގައި ހަރަކާތްތެރިވަމުން އަންނައިރު އެ ޓީމުންވަނީ ބަޔޮލޮޖިކަލް ކޮންޓްރޯލް މެނޭޖްމަންޓް ޕްރޮޓޮކޯލްތަކާއި އިންސެކްޓް-ޕެސްޓް އިންޓަރެކްޝަންތަކާ ބެހޭ މުހިންމު ފަންނީ މަޢުލޫމާތުތަކެއް މިނިސްޓްރީގެ ފަންނީ މުވައްޒަފުންނާ ހިއްސާކޮށްފައެވެ.