ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ ހުންން ގްރީން ބިލްޑިންގައި އަލިފާން ރޯވުމުގެ ސަބަބުން އެ ސަރަހައްދުގެ ގެތަކުން 50 މީހުން އެހީތެރި ކަމަށް އެދުނު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ހެދުނު 7 ޖަހާކަންޖާއިރު ރޯވި އެލިފާންގަނޑު ފެތުރި އެ ކޮމްޕްލެކްސްގެ ތެރޭގައި ހުންނަ ހުރިހާ އޮފީހަކަށް އަލިފާނުގެ އަސަރު ކޮށްފައިވާއިރު އެ ހިސާބުގައި ހުންނަ ގެ ތަކުގެ ދިރިއުޅޭ މީހުންނަށް ވެސް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ފޯރާފައެވެ.
އެއާއެކު އެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލު ކުރުމުގެ މަސައްކަތް އެންޑީއެމްއޭއިން ފަށާފައިވާއިރު އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެ އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދުނު ކަމަށާއި މިހާރު އެ ފަރާތްތަކުގެ ރެޖިސްޓްރޭޝަން ހަދާފައިވާ ކަމަށެވެ.
އަދި އެ މީހުންނަށް ބޭނުންވާނެ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް ސެންޓަރުގައި އިވޭކުއޭޝަން ސަންޓަރު ތައްޔާރުކޮށްފައިވީ ނަމަވެސް އާއިލާތައް އެދުމުގެ މަތިން ވަގުތީގޮތުން އެފަރާތްތައް ތިމާގެ ގޭގެއަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭ ބުންޏެވެ. އަދި މިހާރު ގެއްލުން ލިބުނު އިމާރާތްތަކުގެ ރެޕިޑް އެސެސްމަންޓްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތަންތަނަށް މީހުން ބަދަލުވާން ރައްކާތެރިނަމަ އާއިލާތައް ބަދަލުކުރަން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތު ދިނެވެ.
އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު އަލިފާން ހިފަން މެދުވެރިވި ސަބަބު މިހާތަނަށް އެމްއެންޑީއެފް އިން ހާމަކޮށްފައި ނުވެއެވެ.