ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދުތަކާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މައްސަލެއް އޮތްތޯ ބަލައި، ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ

އެ މައްސަލަ އެ ކޮމިޓީގައި ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފު ތާއީދު ކުރެއްވި އެ މައްސަލައަށް ކޮމިޓީގެ ހަ މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްވެފައެވެ.

މެންބަރު މަމްދޫހު ވިދާޅުވީ، ސެޓުލްމެންޓް ކޮމިޓީ މެދުވެރިކޮށް 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އިބޫގެ ސަރުކާރުން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލު ދިނުމަށް އުފެއްދި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތު ރައީސް ސޯލިހާއި ފައްޔާޒު އިސްމާއިލް އަދި އޭރުގެ ރައީސް އޮފީސް މިނިސްޓަރުކަން ކުރެއްވި އަލީ ޝިޔާމުގެ އިތުރުން އެ ކޮމިޓީގައި ޝާމިލްވާ ހުރިހާ ބޭފުޅުންގެ އިހުމާލެއް އޮތްތޯ ބަލައި، ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގަން ޖެހޭ ކަމަށެވެ.

މި ސަރުކާރުވެރިކަމާ ހަވާލުވުމަށް ފަހު، ކުރީގެ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވާ މައްސަލަތަކާ ގުޅިގެން، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައި އޮތް ސެޓްލްމަންޓް ކޮމިޓީ ވަނީ އުވާލާފައެވެ.

ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓެއްގައި ވެސް ވަނީ އެފަދަ މައްސަލައެއް ފާހަގަކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު، ދީބާޖާ އާއެކު ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން އެދިގެން ހެދި އޮޑިޓް ރިޕޯޓެކެވެ.

64 މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވުމެއް ހަދާފައި ވަނީ، ފެބްރުއަރީ 1، 2010 ގައި ހެދި ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބުނު އެހެނިހެން މަންފާތަކުގެ އަގަށް ރިއާޔަތް ނުކޮށް ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. ހަމައެއާއެކު ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖެއިން ބޭރުން ގެނައި ތަކެތީގެ އަގަށް 2،760،000 ރުފިޔާ ނަގައި ދިނުމަށް ކަނޑައެޅި އިރު، އެ ތަކެއްޗާ މެދު ދީބާޖާއިން ކަންތައް ކޮށްފައިވާ ގޮތާއި، އަދި އެ ތަކެތި ވިއްކާލައިގެން އެއްވެސް މާލީ މަންފާއެއް ހޯދާފައިވޭތޯ ވެސް އެ ކޮމިޓީން ބަލާފައެއް ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.