ގައުމީ އެއާލައިން، މޯލްޑިވިއަންއިން އަންނަ ޖެނުއަރީ މަހު، ޗައިނާގެ ވެރިރަށް ބެއިޖިން ހިމެނޭ ގޮތަށް އެ ގައުމުގެ ޖުމްލަ ހަތަރު ސިޓީއަކަށް ދަތުރުތައް ފަށާނެ ކަމަށް، ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވައިޑް ބޮޑީ އެއާކްރާފްޓުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދަތުރުތައް ފަށަން ނިންމާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިން، ޝަންގްހާއީ އަދި ޗެންދޫގެ އިތުރުން ޒިއާން އަށް ކަމަށެވެ.
ވައިޑް ބޮޑީ އެއާކްރާޓަކީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޮޑު އެއާ ކްރާފްޓެކެވެ. އެ އެއާ ބަހުގައި ބިޒްނަސް އާއި ޕްރިމިއަމް އިކޮނޮމީގެ އިތުރުން އިކޮނޮމީގެ ގޮނޑިތައް އެކުލެވިގެންވެއެވެ. އަދި މި ބޯޓަކީ 13،000 ކިލޯމީޓަރަށް އެއްވެސް ތާކު ނުޖައްސާ ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ.
ޗައިނާގެ އިތުރުން، ޔޫރަޕުގެ މަންޒިލްތަކަށް ވެސް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ޔޫރަޕަށް ދަތުރުތައް ފަށާނެ ވަކި ތާރީހެއް އިއުލާން ކޮށްފައި ނުވެއެވެ.
މޯލްޑިވިއަންއިން މިހާރުވެސް ދަނީ އިންޑިއާ، ލަންކާ އަދި ބަންގުލަދޭޝް އަށް ދަތުރުތައް ކުރަމުންނެވެ. މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އޮތް އިރު އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ވެސް ހިމެނެ އެވެ. އަދި ބާކީ އުޅަނދުތަކަކީ ޑޭޝް މަރުކާގެ ބޯޓުތަކެވެ.