ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިގްތިސޯދީ މައްސަލައެއް ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އަރި އަތޮޅާއި މާލެއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިގްތިސޯދީ މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ވަންނަ ފައިސާގެ ތެރެއިން ބައެއް ރާއްޖޭގެ ބޭންކުން މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ ގާނޫނު ތައާރަފުކުރުމުގެ ބިލު، މަރުކަޒީ ބޭންކުގެ ފަރާތުން އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ބިލު ހުށަހަޅާފައި ވަނީ އެމަނިކުފާނު ކުރިންވެސް ވިދާޅުވި ގޮތަށް ބަދަލެއް ނުގެނެސްކަމުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކުރެވޭނޭކަމުގެ އުންމީދު ފާޅުކުރައްވައި ރައީސް ވަނީ އެ ބިލު ފާސްވުމަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ މުއްސަނދިކަން ގެނެސްދޭނޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.
މިއަދު ސަރުކާރުން މަޖިލީހަށް ބިލު ހުށަހަޅާފައި ވާއިރު، މި ބިލަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނޭ މުއާމަލާތްތައް ކަނޑައަޅައި ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރުމާއި ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާބެހޭ އުސޫލުތަކާއި އަދި އެނޫން ވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ.