އެއްވެސް ރައްޔިތަކަށް ލިބެމުންދާ ސަބްސިޑީއެއްވެސް، އާސަންދައެއްވެސް، ރިޓަޔަމަންޓް ޕެންޝަނެއްވެސް ނުކަނޑާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އއ. މަތިވެރީގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިގްތިސޯދު އާރާސްތު ކުރަމުން ދާއިރު، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ޔަގީންކޮށްދީ، ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އަބަދުވެސް ރައްޔިތުން އިސްކޮށްގެން، ކުރިއަށްދާ ސިޔާސަތުގެ މަތީގައި، ރާއްޖޭގެ ކަންކަން ބައްޓަން ކުރައްވަމުން ގެންދަވާނޭ ކަމަށެވެ. އަދި އެއްވެސް ރައްޔިތަކަށް ލިބެމުންދާ ސަބްސިޑީއެއްވެސް، އާސަންދައެއްވެސް، ރިޓަޔަމަންޓް ޕެންޝަނެއްވެސް ނުކަނޑާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، ފައިސާ ޗާޕު ނުކޮށް ގައުމު ބަނގުރޫތުވުމުން ސަލާމަތް ކޮށް ރާއްޖޭގެ އިގްތިސޯދު މިހާރު ބިނާކުރި ބިންގަލުގެ މަތީގައި ކަމަށެވެ.

އިގްތިސޯދު ހަމައަކަށް އެޅުވުމަށްފަހު ސަރުކާރުން ދެން އަމާޒު ހިފީ، ދުވަހަކުވެސް ރާއްޖޭގައި ހައްލުނުކޮށް ދޫކޮށްލާފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ވޭޕް މަނާކޮށް، ނުގަވާއިދުން ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މަސައްކަތްތައް ތަރުތީބު ކުރައްވާފައި ވާގޮތަށް އަލިއަޅުއްވާލައްވަމުން، އެންމެ އިސްކަން ދެއްވާފައި ވަނީ ބޯހިޔާވަހިކަމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއަށްފަހު ތައުލީމީ ދާއިރާގެ ބިނާރާއި، ސިއްހީ ދާއިރާ ފުޅާކުރުމަށް އިސްކަންދެއްވާފައި ވާކަމަށް ވެސް ވިދާޅުވިއެވެ. އެއަށްފަހު، ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރެއްވުމަށް ކަމަށާއި، އެމަސައްކަތްތައް ނިމިފައިވާ ރަށްރަށުގައި މަގުހެދުމުގެ މަސައްކަތް ކުރެއްވުމަށް ރާއްވަވާފައި ވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ކުޅިވަރު ފެސިލިޓީތަކާއި އިޖުތިމާއީ ކަންކަން ތަރުތީބު ކުރައްވާފައި ވަނީ އޭގެ ފަހަށެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ތަރުތީބުން ތަރައްގީގެ މަޝްރޫއުތައް ތަންފީޒު ވަމުން ދާއިރު އޭގެ ފައްސި ނަތީޖާ ފެނިގެން ދާނީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފުޅާވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް ލިބޭ ކުރިއެރުމުންކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.