ރިޔާސީ އިންތިހާބު ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ހިނގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އަތޮޅުތެރެއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 2025 ވަނަ އަހަރު އަދި 2026 ވަނަ އަހަރު ވެގެންދާނީ ރިޔާސީ އިންތިހާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގެ އަމަލީ މަސައްކަތް ހިނގާނޭ 2 އަހަރަށް ކަމަށެވެ.

މި އަހަރު ރައްޔިތުން އުންމީދުކުރި މިންވަރަށް މަސައްކަތްތައް ކުރިއަށް ނުދިޔަ ސަބަބުތަކަކީ ފޮރުވިފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ 2024 ވަނަ އަހަރު ސަރުކާރުން ތަންފީޒުކުރަން ޖެހިވަޑައިގަތީ މިދިޔަ ސަރުކާރުގެ ހުށަހަޅައި ފާސްކުރި ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓު ފާސްކުރުމުގައި އިންތިގާލީ މަރުހަލާގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި ބަޖެޓު ފާސްކޮށްފައި ވަނީ މަސައްކަތް ކުރިއަށް ނުގެންދެވޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް މި އަހަރުތެރޭގައި މަސައްކަތްތައް ކުރުމުގައި ދިމާވި އެންމެ ބޮޑު ހުރަހަކަށްވީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި އޭރުގައި އޮތް މަޖިލީހުން ބަޖެޓު ފާސްކޮށްފައި އޮތުން ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލައި ތަރުތީބެއްގެ ތެރެއިން ރިޔާސީ ހުރިހާ ވައުދެއްގެ މަސައްކަތް އަމަލީގޮތުން ފައްޓަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަރިއަތޮޅު އުތުރުބުރިއާ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫގައި ބޭއްވި މި ބައްދަލުވުމާއެކު ރައީސް މި ވަނީ 170 ކައުންސިލާ ބައްދަލުކުރައްވާފައެވެ.

ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އިންތިހާބުވެފައި ތިއްބެވި ބޭފުޅުން ރައީސްގެ އަރިހަށް ގެނައުމުގެ ބަދަލުގައި އިންތިހާބީ ދާއިރާތަކަށް ވަޑައިގެން ރައްޔިތުންގެ އަޑުއެއްސެވުމަކީ އެމަނިކުފާނު އިސްކަންދެއްވާ އުސޫލުކަމުގައި މިއަދުވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.