އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ އަދި ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ އަމާޒަކީ، މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ.