ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ކަމުގައި ވިޔަސް މި ސަރުކާރުން އެ މަޝްރޫއަކަށް އިހްތިރާމު ކުރާނެ ކަމަށާއި، އެ މަޝްރޫއުތައް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އއ. އުކުޅަހުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު އުކުޅަހުގައި ހުޅުވި މި ފުޓުބޯޅަ ދަނޑު، މިކަމުގެ ނަމޫނާއަކަށް ފުދޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، މިގޮތަށް ނުނިމި ހުރި ހުރިހާ ދަނޑުތަކެއް ސަރުކާރުން ނިންމާނެ ކަމަށެވެ. މީގެ އިތުރުން، ޒުވާނުންނަކީ މި ގައުމުގެ ހަކަތަ ކަމަށާއި، ޒުވާނުން ޒުވާނުންގެ ގޮތުގައި މިސަރުކާރުން ބަލައިގަންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެހަކަތައިގައި ވަރު ނެތް ކަމުގައި ވާނަމަ ދިވެހި ގައުމު ނުހިނގާނޭކަން ފާހަގަކުރައްވަމުން، ޒުވާނުންގެ އަޑު އަހައިގެން، ޒުވާނުންނަށް ހުރި ކަންކަން ފުރިހަމަކޮށް ދިނުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދަނޑުގެ ސްޓޭޖު ކުރިމަތީގައި ދަމާފައިވާ ރިބަންފަށް ކަނޑުއްވާލައްވާފައެވެ. އަދި ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ބޭނުންކުރި ބޯޅައިގައި ނައިބު ރައީސް ސޮއި ކުރެއްވިއެވެ. ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ވާދަކުރީ، ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ލެޖެންޑުންގެ ޓީމަކާއި، އުކުޅަހު ޒުވާނުންގެ ޓީމެކެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގަތެވެ. ދިވެހިރާއްޖޭގައި ފުޓުބޯޅައިގެ ރޫހު ދިރުވާ އާލާކޮށް، ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ތަރައްގީ ގެނައުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.