މާލޭގެ ބައެއް ކުޅިވަރު ކްލަބްތަކާއި، ގްރޫޕްތަކުން ކޮންޓްރޯލްކުރަމުން އަންނަ ފުޓްސަލް ދަނޑުތަކުން ލިބޭ އާމްދަނީ ސަރުކާރުގެ ކުޅިވަރު ފަންޑަށް ވަންނާނެ ގޮތަކަށް ކަންކަން ތަރުތީބުކުރަމުން އަންނަކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން، ސްޕޯޓްސް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ އެ ދަނޑުތައް ގްރޫޕްތަކުން ކޮންޓްރޯލްކޮށް، އެތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދާކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކްލަބްތަކަށް އާމްދަނީ ބޭނުންވާއިރު އެ ކްލަބްތަކަށް ނުލިބޭ ފުރުސަތެއް އެހެން ބަޔަކަށް ލިބުމަކީ އިންސާފުވެރި ގޮތެއްތޯ މުސްތަފާ ވަނީ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރާފިއު ވިދާޅުވީ އެއްވެސް އުސޫލެއް ނެތި ގްރޫޕްތަކަށް އެގޮތަށް ދަނޑުތައް ދޫކުރުމަކީ ކުރީ ސަރުކާރުތަކުން، މި ސަރުކާރަށް ވާރުވެފައި އޮތް މައްސަލައެއް ކަމަށެވެ. އަދި އެކަމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަން ހާމަކުރައްވަމުން ރާފިއު ވިދާޅުވީ ކުރީ ސަރުކާރުތަކުން ދަނޑުތައް ދިނުމުގައި އެއްވެސް ކަހަލަ ކޮންސިސްޓެންސީއެއް ގެންގުޅެފައި އޮތް ކަމަށް ނުފެންނަކަަމށެވެ. ސިޓީއެއްގެ ޒަރިއްޔާ އިން ނުވަތަ އަންޑަސްޓޭންޑިންއެއްގެ ދަށުންވެސް ދަނޑުތައް ދޫކޮށްފައިވާކަމަށް ރިފާއު ވިދާޅުވިއެވެ.

އެ ދަނޑުތައް ގްރޫޕްތަކުގެ ބެލުމުގެ ދަށުގައި ހުންނަތާ ވަރަށް ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ހަމަތިބެފައި ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި ސަރުކާރުން މަސައްކަތްކުރަނީ ވާހަކަދައްކައިގެން އެއްބަސްވުމަކަށް އައިސް ދެ ފަރާތަށް އެންމެ ފައިދާހުރި ގޮތަކަށް މައްސަލަ ހައްލުކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާފިއު ވިދާޅުވި އެ ދަނޑުތައް މިހާރު ހިންގާ ގްރޫޕްތަކަށް ވެސް އެތަންތަން ބޭނުންކުރެވޭ ގޮތަށް އަދި އާއްމުންނަށް ފަސޭހައިން ލިބޭ ގޮތަށް ހަދައި، އެތަންތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ސަރުކާރުން އަލަށް ގާއިމްކުރާ ކުޅިވަރު ފަންޑަށް ވެއްދުމަށް ސަރުކާރުން ވިސްނަމުން އަންނަކަމަށެވެ. އަދ އަލަށް ފާސްކުރާ ކުޅިވަރު ގާނޫނާ އެކު މިކަންކަން އެގޮތަށް ތަރުތީބުވެގެން އަންނާނެކަމަށް ރިފާއު ވިދާޅުވިއެވެ.