ފެންވަރު ރަނގަޅު ޕްރައިމަރީ ހެލްތްކެއާއެއް ދިނުމަށް މާލޭގައި 6 އަވަށަކާއި އަތޮޅު ތެރޭގައި ސެންޓަރުތައް ގާއިމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސްއޮފީހުން ބުނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ވަނީ މިއަހަރު ނިމުމުގެ ކުރިން ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތް ކެއާ އަދި ޖެނެރަލް ޕްރެކްޓިޝަނާގެ ހިދުމަތް ތާރަފުކުރުމަށް ނިންމަވާފައިކަމަށެވެ. ރައީސްއޮފީހުން ބުނީ މި ސިސްޓަމުގެ ތެރެއިން ސިއްހީ ހިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެން ދާނެގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސްއޮފީހުން ބުނީ މި ހިދުމަތްތައް ފޯރުކޮށްދިނުުގައި މާލެ ސަރަހައްދާއި ރީޖަނަލް ސިޓީތަކުގައި ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސުމުން އަދި ސެންޓަރުތައް ގާއިމުކުރުމުން ރައްޔިތުން ކިއުގައި މަޑުކުރަން ޖެހޭ ވަގުތު މަދުވެގެން ދާނޭ ކަމަށާއި މިހާރަށް ވުރެ ފަސޭހައިން ސްޕެޝަލިސްޓުންނާވެސް ކޮންސަލްޓު ކުރެވިގެން ދާނެކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުުގައި ސަރުކާރުން ދަނީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އަދި ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތާރަފްކުރި ހިދުމަތްތަކާއެކު ޓާޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސް ވަނީ ހުޅުއްވައިދެއްވާފައެވެ.