އަންނަ އަހަރުން ފެށިގެން ވަޒީފާއިން އަލަށް ރިޓަޔާކުރާ ސަރުކާރު މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތްތައް ކަނޑާލަން ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.

އަލަށް ރިޓަޔާކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތްތައް ކަނޑާލަން ނިންމިކަން އަންގައި ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން:

  • އަންނަ އަހަރުން ފެށިގެން ރިޓަޔާކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތްތައް ނުދޭނެ
  • ނަމަވެސް ގަނޑުކޮށް އެ މުވައްޒަފުންނަށް ދޭ ފައިސާ ދެމުން ދާނެ
  • މި އަހަރު ރިޓަޔާކުރާ މުވައްޒަފުންގެ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ

މި ބަދަލާ ގުޅިގެން ސަރުކާރަށް އާންމުންގެ ފަރާތުން ފާޑުކިއުން އަމާޒުވެފައިވެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އެ ނިންމުން ސަރުކާރުން ނިންމީ ދައުލަތުގެ މުވައްޒަފުންގެ މެދުގައި މިހާރު އޮތް ހަމަހަމަނޫން ނިޒާމު ބަދަލުކުރުމަށް ކަމަށެވެ.

އެކަމަކު އިއްޔެ ސަރުކާރުން ވަނީ މި ނިންމުން އަނބުރާ ގެންގޮސްފައެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީން އިދާރާތަކަށް ފޮނުވި ސިޓީ އާ ގުޅިގެން އިދާރާތަކުގެ ކަންބޮޑުވުންތައް ހުރުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މިކަމާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ކެބިނެޓުގަ މަޝްވަރާކުރައްވާފަ އިދާރާތަކުން ވެސް ޕެންޝަން ލިބުމުގެ މަގުމަތީ ނުވަތަ އެއަށް ވާސިލްވުމުގެ ވަރަށް ކައިރިކޮށް ތިބޭ ފަރާތްތަކުގެ ކަންބޮޑުވުން އިންތިހާއަށް ބޮޑު، އެހެންވެގެން މިއާ އެކީގަ ދެން ކެބިނެޓުގެ މަޝްވަރާއަށް ފަހު ނިންމީ [އެ ނިންމުން އަނބުރާ ގެންދިއުމަށް]،"

އެހެންކަމުން ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީ އަށް އިދާރާތަކުން ދެން އަމަލުކުރަން ނުޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި ސަރުކާރުން ވަނީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދައުލަތުން ދޭ 5،000ރ ގެ އަސާސީ ޕެންޝަން ތަނަވަސް މީހުންނަށް ނުލިބޭ ގޮތަށް ހިމަނައިފައެވެ.