ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައި މި ވަނީ އެކްސްގައި "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކައުންޓަކުން ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
"ހަސަން ކުރުސީ" ކުރި ޕޯސްޓްގައި ބުނެފައި ވަނީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް ޔޫތް މިނިސްޓަރު ކަމަށް އައްޔަން ކުރާނެ ކަމަށާއި އަދި ޓޫރިޒަމް މިނިސްޓަރު ކަމަށް މިހާރު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އައްޔަން ކުރަން ނިންމާފައިވާ ކަމަށެވެ. އެއާއެކު ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ކެބިނެޓުން ބޭރުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
މި ޓްވީޓަށް ފަހު ހީނާ ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވަން ނިންމަވާފައިނުވާ ކަމަށް ޕޯސްޓް ކުރުމުން ހަސަން ކުރުސީ ވަނީ އިތުރު ޕޯސްޓެއް ކޮށްފައެވެ. ހަސަން ކުރުސީ ފަހުން ކުރި ޕޯސްޓްގައި ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަން މޫސާ ޒަމީރަށް ދީފި ނަމަ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ކެބިނެޓަށް މި ބަދަލުތައް ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރުމުން ބަދަލު ނުގެންނަން ނިންމީ ކަމަށް އޭނާ ބުނެފައި ވެއެވެ.
އެންމެފަހުން ކެބިނެޓަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ކަމުގައި ކުރިން ހުންނެވި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އެ މަގާމުން ވަކިކޮށް އޭރު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަނު ކޮށްފައެވެ.
އަދި ހެލްތް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް ވަނީ ފޮރިން މިނިސްޓަރު ކަމަށް އައްޔަނު ކޮށް، ހެލްތް މިނިސްޓަރު ކަމަށް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އައްޔަންކޮށްފައެވެ. އޭރު މި ބަދަލުތައް ގެނައި ސަބަބު ސަރުކާރުން ހާމައެއް ނުކުރެއެވެ.