ވަޒީފާއިން އަލަށް ރިޓަޔާކުރާ މީހުންނަށް މަހުން މަހަށް ދޭ އެލަވަންސް ކަނޑާލަން ނިންމީ ދައުލަތުގެ މުވައްޒަފުންގެ މެދުގައި މިހާރު އޮތް ހަމަހަމަ ނޫން ނިޒާމު ބަދަލު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ހުރިހާ މުވައްޒަފުން ހިމެނޭ އަސާސީ ޕެންޝަން ނިޒާމާއި އޭގެ ބޭރުން، ވަކިވަކި މުއައްސަސާތަކުން ހިންގާ ޕެންޝަން ސްކީމުގެ ދަށުން ގަނޑުކޮށް އަދި ހިދުމަތުގެ މުއްދަތަށް ބަލައިގެން މަހުން މަަހަށް މުޅި އުމުރަށް ފައިސާ ދިނުމަކީ ޑަބަލް ޕެންޝަން ދިނުން ކަމަށެވެ. މި ސަރުކާރަށް މާކުރިންވެސް ޕެންޝަން ނިޒާމު އެއްހަމަކޮށް، ބައެއް މުވައްޒަފުންނަށް ދެ ޕެންޝަން ނުލިބޭ ގޮތަށް ދައުލަތުގެ ޕެންޝަން ނިޒާމު ބައްޓަން ކުރުމަށް ލަފާ ލިބިފައިވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން އޮޑިޓަ ޖެނެރަލް 2015 ގައި ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓުގައި ވެސް ސަރުކާރަށް އެ ގޮތަށް ލަފާދީފައި ވާކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނީ އޮޑިޓަ ޖެނެރަލް އޮފީހުން ޕެންޝަން ނިޒާމު ހާމަނައިޒްކޮށް، ޑަބަލް ޕެންޝަން ނުދެވޭނެ ގޮތަކަށް ޕެންޝަން ނިޒާމު ބައްޓަން ކުރުމަށް ލަފާދީފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސިޓީއެއްގައި ވަނީ އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރަން ފަށާ އުސޫލުގެ ދަށުން، ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެއެވެ. ނަމަވެސް ރިޓަޔާ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުންދާނެ ކަމަށް އެ ސިޓީގައި ވަނީ ބަޔާން ކޮށްފައެވެ.