ސިއްހީ ހާލުކޮޅު ހުރި ގޮތުން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާތީ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އިސްތިއުފާ ދެއްވައިފިއެވެ.
މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ރަމީލާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ރަމީލާ އަކީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ.
ރަމީލާގެ އިސްތިއުފާ ގަބޫލު ކުރައްވައި ރައީސް ވިދާޅުވީ، އާލާސްކަންފުޅުގައި އުޅުއްވަމުންވެސް، މަގާމުގެ ހައިސިއްޔަތުން، ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.
އަދި ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތްތާނގައިވެސް އޭނާގެ ހިދުމަތް ދިވެހި ގައުމަށް ލިބޭނެކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ، ޑޮކްޓާ ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަހްމަތްފުޅުން ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަގްބަލެއް މިންވަރުކުރެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައެވެ.