ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މަރަދޫ ފޭދޫއަށް ވައިގަދަވެ ގެއެއްގެ ފުރާޅު އެއްލާމުމާއި ގުޅިގެން އެ ގޭގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޭގައި 13 މީހުންނާއި 12 އަހަރުން ދަށުގެ 4 ކުދިން ދިރިއުޅެމުންދާކަން ފާހަގަކުރަމުން އެންޑީއެމްއޭ އިން ބުނީ މި ފަރާތްތަށް އާއިލާގެ އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކުރެވިފައިވާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ މިއަދު އިރު އޮއްސުމާ ހަމައަށް ގަޑިއަކު 19 މޭލާއި 24 ދެމެދު އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށް އެލާޓު ނެރެފައެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާއިރު އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށްފައި ވަނީ ދެކުނުގެ އަތޮޅުތަކަށެވެ.

ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. މެޓް އޮފީހުން ވަނީ ކަނޑު ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައެވެ.