ރާއްޖެއަށް ޒިޔާރަތްކުރި ޖަޕާނު ފަތުރުވެރިންތަކަކަށް ރާއްޖޭގެ ޖޯލިފަތި ކަމުގޮސްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ރާއްޖޭގައި ހުންނަ ޖަޕާނު އެންބަސީން ބުނީ މިހާރު ޖަޕާނުގައިވެސް ރާއްޖޭގެ ސަގާފީ ބެންޗު ނުވަތަ ޖޯލިފަތި ފެންނާނެ ކަމަށާއި، ޖަޕާނު ފަތުރުވެރިންނަށް ރާއްޖޭގެ ޖޯލިފަތި ވަރަށް ފަސޭހަ އަދި ރަނގަޅުކަމަށް ފެނުނު ކަމަށެވެ. މި ޕޯސްޓާއެކު އެ އެމްބަސީ އިން ވަނީ ޖޯލިފަތީގެ ފޮޓޯތަކެއް ވެސް ހިއްސާ ކޮށްފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި ޖަޕާނުގައި ބަހައްޓާފައި ވަނީ ދެ ޖޯލީގެ ޖޯލިފައްޗެކެވެ.

ރާއްޖޭގައި ހުންނަ ޖަޕާނު އެންބަސީން ބުނީ އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަށް ޖޯލިފަތި ކަމުދިއުމާއެކު އެމީހުން އެނބުރި ޖަޕާނަށް ގޮސް އެމީހުންގެ ރައްޓެހިންތަކަކާއެކު އަމިއްލައަށް ޖޯލި ފައްޗެއް ހަދައިގެން ބަހައްޓާފައިވާ ކަމަށެވެ.

މި ޕޯސްޓަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެފައިވަނީ މިއީ ރާއްޖޭގެ ސަގާފަތުގެ މުއްސަނދި ކަން ދައްކުވައިދޭ ކަމެއް ކަމަށާއި، މިއީ ސަގާފީ ބަދަލު ކުރުމުގެ ރީތި މިސާލެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ މުއްސަނދި ސަގާފަތަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ހިތްތައް ދަމައިގަންނަ އަދި ދުނިޔޭގެ ނަޒަރު ރާއްޖެއަށް އަމާޒުވާ ކަމެކެވެ. ރާއްޖޭގެ ނާޒުކު މާހައުލުގައި ޗުއްޓީ ހޭދަކޮށްލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ދަނީ އަންނަމުންނެވެ.