އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް ސޮއި ކުރެއްވި މި ފަހުމުނާމާގައި ވަނީ ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިގްތިސާދީ މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީ އިން ކުރުމަށް ބާރު އަޅާފައެވެ.
މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދިޔަ މުހިންމު ކާމިޔާބީއެއް ކަން ފާހަގކޮށް އިންޑިއާއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ ރާއްޖެއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މާލީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށް ދެ ގައުމުގެ އިގްތިސާދީ ގުޅުން ހަރުދަނާ ވެގެން ދާނެ ކަމަށެވެ.
މި އެއްބަސްވުމާއެކު ގައުމުގެ ވިޔަފާރީތަކުން މުދަލާއި ހިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދޭނެއެވެ.
ދާދިފަހުން ވަނީ އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ދަށުން ރުޕޭ ކާޑުގެ ހިދުމަތްވެސް ތައާރަފް ކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހު ތައާރަފް ކުރި އެ ހިދުމަތާ މިހާރު ލިބިގެންދާއިރު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިނާއި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވެއެވެ.
ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުމުން ރާއްޖޭގައި އުޅޭ އިންޑިއާގެ މީހުންނަށާއި އިންޑިއާގައި އުޅޭ ދިވެހީންނަށް ފައިސާގެ މުއާމަލާތްކުރަން ފަސޭހަވެގެން ދާނެއެވެ.
މީގެ އިތުރުންވެސް ދެ ގައުމުގެ ދެމުދުގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކަށް އިތުރު ލުއި ފަސޭހަ ފޯރުކޮށްދިނުމަށް ވަނީ އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް" (ޔޫޕީއައި) ރާއްޖެއަށް ތައާރުފުކުރުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތް ފަށާފައެވެ.