އެމެރިކާގެ މިހާރުގެ ސަރުކާރު ނިމި އަންނަ ސަރުކާރަށް ހަނގުރާމައިގެ ބާރުގަނޑު ވާރުތަ ކުރުމުގެ ފޮރުވިފައިވާ ސިޔާސަތުގެ ދަށުން ދިން ހުއްދައާއެކު ދުރުރާސްތާ މިސައިލުން ޔޫކްރައިން އިން ރަޝިއާ އަށް ހަމަލާ ދީފިއެވެ.

އެޓަކަމްސް މަރުކާގެ 300 ކިލޯމީޓަރުގެ ރާސްތާ ލިބިފައިވާ 6 މިސައިލެއް އިއްޔެރޭ ޔޫކްރައިން އިން ފޮނުވާލި އިރު 5 މިސައިލް ވައިގެ ތެރޭގައި ގޮއްވާލި ކަމަށް ރަޝިއާ ބުނެއެވެ. އަދި އެކައްޗަށް ގެއްލުން ވި ނަމަވެސް އެ މިސައިލް ރަޝިއާގެ ސަރަހައްދަކަށް އެރި ކަމަށާއި އެއީ ބްރިޔާންސް ސަރަހައްދުގައި ހުރި އަސްކަރީ މަގާމެއް ކަމަށް ބުނެފައި ވެއެވެ.

ގޮވާތަކެތި ރައްކާ ކޮށްފައި ހުރި ތަނަކަށް އަމާޒުވި އެ ހަމަލާގައި ބޮޑު ގޮވުމެއް ގޮވާ ރޯވެ ވަނީ އަނދާ އަޅިއަށް ވެފައެވެ.

ޔޫކްރައިން އިން އެދެމުން ދިޔަ ގޮތަށް އެމެރިކާއިން ދިން ހުއްދައާ އެކު ދުރުރާސްތާ މިސައިލުން ރަޝިއާގެ ތެރެއަށް ހަމަލާތައް އަމާޒު ކުރަން ފެށުމުން ރަޝިއާއިން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމާ ގުޅޭގޮތުން އެކުލަވާލައިފައި އޮންނަ މިންގަނޑުތަކަށް ބަދަލުގެނެސް އާ ހަމައެއް ރައީސް ވްލަޑިމިއާ ޕްޓިން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ނިއުކްލިއާ ހަމަލާއަކަށް ހަމަލާއެއް ދިނުމުގެ ބަދަލުގައި ގައުމުގެ އިސްތިގުލާލަށް ނުރައްކާ ވާނަމަ އާއި ނުވަތަ ކޮންވެންޝަނަލް ހަތިޔާރުން ހަމަލާ ދޭނަމަވެސް ނިއުކްލިއާ ބޭނުން ކުރެވޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

ކޮންވެންޝަނަލް ހަތިޔާރަކީ، ދުރުރާސްތާގެ ހަމަލާތަކަށް ބޭނުން ކުރާ ހަތިޔާރެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ހުޅަނގުން ބޭނުން ކުރާ ބެލެސްޓިކް މިސައިލްވެސް ހިމެނެއެވެ.

މި އާ ސިޔާސަތު ނުވަތަ މިންގަނޑާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯވް ވިދާޅުވީ، އެމެރިކާގެ އެހީތެރިން ނެތި ޔޫކްރައިން އަށް އެ ހަމަލާ ނުދެވޭނެ ކަމަށާއި އެހެން ކަމުން އެއީ ހަނގުރާމައިގެ ތެރެއަށް އިތުރު ފަރާތަކުން ވަނުން ކަމަށް ރަޝިއާ ދެކޭ ކަމަށެވެ. އެއާއެކު ގައުމުގެ ދިފާއުގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރެވޭ ހަމައަށް ނުވަތަ މިންގަނޑުތައް މުރާޖައާ ކޮށް ޕުޓިން ސޮއިކުރައްފައި ވާ ކަމަށާއި ހުޅަނގުން ބޭނުންނަމަ އެ މިންގަނޑުތައް ރަނގަޅަށް ބަލައި ކިޔާ ދެނެގަންނަން ވީ ކަމަށެވެ.

ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމާ ދިމާއަށް ދާއިރު، އެމެރިކާއިން ދަނީ އަދިވެސް ޔޫކްރައިން އަށް އިތުރު ލުއިތައް ދީ ހުއްދަތައް ދީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން މިހާރު ބައިޑަން ނިންމަވާފައި ދެވަނަ ނިންމެވުމަކީ ބިމުގައި ވަޅުލައި މައިން ޔޫކްރައިން އަށް ދިނުމެވެ. އެކަމަށް މިހާރު ހުއްދަ ދީފައިވާ އިރު ލަސްތަކެއް ނުވެ މައިން ވަޅުލުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރުން އަވަސް އަރުވާލައިފައި ހަނގުރާމަ އާ އުސްމިނަކަށް މިގެންދަނީ އެމެރިކާގެ ރައީސް ކަމަށް ހޮވުނު ޑޮނާންލްޑް ޓްރަމްޕް، ޔޫކްރައިން ހަނގުރާމަ 24 ގަޑިއިރުތެރޭގައި ހުއްޓުވާނެ ކަމަށް ވިދާޅުވެފައި ވުމުން ސަރުކާރު ބަދަލުވާ އިރު ހަނގުރާމައިގެ ހޫނުގަނޑު ވާރުތަ ކުރުމުގެ ބޭނުމުގައެވެ.