ބޭހުގެ ވިޔަފާރިކުރާ ދެ ތިން ތަނަކުން ފިޔަވައި، ބޭސް ވިއްކުމުގެ ވިޔަފާރިކުރާ ގިނަ ތަންތަނުން ސަރުކާރުން ކަނޑައެޅި އަގުތަކުގައި ބޭސް ދޫކުރުމަށް އެއްބާރުލުންދޭ ކަމަށް، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އާސަންދައިގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހެއްގެ އަގަށް ބަދަލު ގެންނަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އޭގެ ތެރެއިން 87 ބޭހެއްގެ އަގު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހެޔޮކޮށް، އިތުރު 126 ބޭހެއްގެ އަގު އަންނަ އާދީއްތަ ދުވަހުން ފެށިގެން ހެޔޮވާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ރާއްޖެ އޮންނަ ދެކުނު އޭޝިއާގެ ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާއިރު ބޭހުގެ އަގު ރާއްޖޭގައި 15 ގުނަ މަތި ކަމަށެވެ. ބައެއް ހާލަތްތަކުގައި 300 ޕަސެންޓު ބޮޑުކޮށް، ބޭސް ވިއްކާ ބައެއް ތަންތަނުން ބޭސް ވިއްކަމުންދާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މިއީ އާންމުންނަށާއި ދައުލަތަށް ކުޅަދާނަވެގެންވާ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އާސަންދައަށް ކުރަން ޖެހޭ ހޭދަ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާ ކަން ހީނާ ފާހަގަކުރެއްވިއެވެ.
އެހެންވެ ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން އާންމުން އެންމެ ގިނައިން ބޭނުންކުރާ ވައްތަރުތަކުގެ ބޭސްތައް ނުވަތަ ޑަބްލިއުއެޗްއޯގެ މިންގަނޑުގެ ތެރެއިން ކަނޑައަޅާފައި ހުންނަ ބޭސްތައް ގެނެސް އަގުހެޔޮކޮށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާ ކަމަށް ހީނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ވިއްކުމަށް ބޭހުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކަށް އަންގަމުންދާ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް އަދިވެސް އެބަ ފާހަގަކުރެވޭ ބައެއް ފަރާތްތަކުން މި އަގުގަ ވިއްކުމަށް އިއުތިރާޒްކުރަމުންދާ ކަން އިނގޭތޯ،"
ހީނާ ވިދާޅުވީ، ބޭހުގެ އަގަށް ގެނެވުނު ބަދަލާއެކު ދެ ތިން ތަނެއް ފިޔަވައި އެހެން ހުރިހާ ތަންތަނުން ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ބޭސް ދޫކުރަމުން ދާ ކަމަށެވެ. އަދި އެ ތަންތަނުން އެކަން ހައްލުކޮށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކުގައި ބޭސް ވިއްކަން ހީނާ ވަނީ އެދިވަޑައިގެންފައެވެ.
އެންސްޕާއިން ނެރުނު ބަޔާނެއްގައި ވާ ގޮތުން، ބޭހުގެ އަގުތައް ކުޑަކުރުމާ އެކު ބޭސްތަކަށް އާސަންދައިން ކުރާ ހަރަދުގެ ތެރެއިން 220 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެއެވެ. މި ބަދަލާ އެކު އާސަންދަ މެދުވެރިކޮށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ނައިސް ބޭސް ލިބޭނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ނުކުރާ މީހުންނަ ފިޔަވަޅު އަޅާ