މި ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމެއް ދެއްވާފައި ވާ އެއްވެސް ބޭފުޅަކު ޝަރުއީދާއިރާގެ ތެރެއަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަކަމެއް ފާހަގަ ވެއްޖެނަމަ އެ ފަރާތެއް ވަގުތުން ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރާއެކު ޝަރުއީ ދާއިރާއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރޭ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް "ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 52" ނަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސް ވަނީ މި ސަރުކާރު އައި ދުވަހުން ފެށިގެން ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވުން ނިމިއްޖެކަމުގައި ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެން ހުންނެވީ، ވެ ވަޑައިގަތް ވައުދާ އެއްގޮތަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނެވިފައިވާތީ ކަމަށެވެ. ރިޔާސީ އިންތިހާބު އެ މަނިކުފާނު ކާމިޔާބު ކުރެއްވުމާއެކު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދެންނެވުމަށް ގުޅުއްވުމުން ވެސް، އެންމެ ފުރަތަމަ އެދިވަޑައިގަތީ ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އެދިވަޑައިގަތް ގޮތަށް ޔާމީން ގެއަށް ބަދަލު ކުރުމުގެ ކަންކަން ކުރިޔަށްދާތީ، އެ ކަމަށްޓަކައި ސޯލިހްއަށް ޝުކުރުއަދާކުރެއްވިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެ ހިސާބުން ފެށިގެން އެ މަނިކުފާނު ވެ ވަޑައިގަތް ވައުދު ފުއްދަވަން ފައްޓަވާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރައްޔިތުންނާ މުހާތަބު ކުރައްވައި، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް އިއުލާން ކުރެއްވި ހިސާބުން ފެށިގެން އެ ވައުދު ފުއްދަވާފައިވާނެ ކަމަށެވެ.