ބޭރު ފައިސާގެ ގަވާއިދަށް ގެނައި އިސްލާހާ އެއްގޮތަށް ރިސޯޓްތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރާ ނަމަ 2026 ގައި ކްރެޑިޓް ކާޑް ލިމިޓް 1400 ޑޮލަަރށް އިތުރު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރިސޯޓުތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރަން ޖެހޭ އުސޫލަށް ބަދަލެއް ނުގެންނާނެ ކަމަށް ވިދާޅުވެފައެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން ރިސޯޓްތަކުން ގަވާއިދުން ބޭންކްތަކަށް ޑޮލަރު މާރުކުރާ ނަމަ ކްރެޑިޓް ކާޑް ލިމިޓް އިތުރުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ކްރެޑީޓް ކާޑްގެ ލިމިޓް ހުރީ 700 ޑޮލަރުގައި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ އަދަދު 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލާ އިރު 1400 ޑޮލަރަށް އިތުރުު ކުރައްވާނެ ކަމަށެވެ. އަދި މި ބަދަލާ އެކު އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރިސޯޓްތަކުން ގަވާއިދަށް ޑޮލަރު މާރުކުރާނަމަ ދިވެހި ވިޔަފާރިވެރިން ތަކެތި އިމްޕޯޓްކުރުމަށް ބޭންކްތަކުން ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ވެސް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލު ގެންނާނީ އަންނަ އަހަރު މެދު ތެރޭގައި ކަމަށާއި މިކަމުން ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮލަރު މާރު ކުރުމުގެ ދަތިކަމުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާނެ ކަމެއްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފުރާ ދިވެހިން އެއާޕޯޓުން 500 ޑޮލަރު މާރު ކުރުމަށް އޮންނަ ލިމިޓް 1000 ޑޮލަަރަށް އިތުރު ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މި ބަދަލަކީ ވެސް އަންނަ ޖެނުއަރީން ފެށިގެން ރިސޯޓްތަކުން ގަވާއިދަށް ޑޮލަރު މާރުކުރާނަމަ 2026 ވަނަ އަހަރުގެ ކުރީކޮޅު ގެނެސް ދެއްވާނެ ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރިސޯޓްތަކުން ޑޮލަރު މާރު ކުރުމުން ބޮޑު ފައިދާއެއް ރައްޔިތުންނަށް ލިބޭ ގޮތަށް ބަދަލުތައް ގެންނަން ނިންމަވާފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރިސޯޓްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތުން ބޭންކްތަކަށް މާރުކުރަން ޖެހޭ ޑޮލަރާ ގުޅިގެން ހަދާފައިވާ އުސޫލަށް ބަދަލެއް ނުގެންނާނެ ކަމަށެވެ. ގަވައިދުގައިވާ ގޮތަށް 500 ޑޮލަރު މާރު ކުރައްވަން ޖެހޭނެ ކަމަށާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަކީ ލާޒިމް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.