ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާއިން ބޮޑު ބައެއް ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް އޮތް ގަވާއިދު ބަދަލުނުކުރައްވާނެ ކަމަށާއި އެ ގަވާއިދާ އެއްގޮތަށް ޖެހޭނީ އަމަލުކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބޭރުފައިސާއާ ބެހޭ ގައިވައިދަށް ގެނައި އިސްލާހަށް މިދިޔަ އޮކްޓޯބަރު މަހުގެ އަމަލުކުރަން ފަށާފަިއވާ އިރު، އެ ގަވައިދުގައިވާ ގޮތުގައި ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެއެވެ. ނަމަވެސް އެ ކަން އެގޮތަށް ނުވާނެ ކަމަށް ބުނެ ގިނަ ރިސޯޓު ވިޔަފާރިވެރިން އަންނަނ ޝަކުވާ ކުރަމުންނެވެ.
ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ އުސޫލު ބަދަލު ނުކުރެވޭނެ ކަމަށާއި އެ އުސޫލަށް ޖެހޭނީ އަމަލު ކުރަން ކަމަށެވެ.
ބޭރު ފައިސާގެ ގަވާއިދަށް ގެނައި އިސްލާހާ އެކު ރައްޔިތުންނާއި ވިޔަފާރުވެރިންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން އެކަމުގެ ސަބަބުން ގެންނަން ނިންމަވާފައިވާ ބަދަލުތައް މިރޭ ރައީސް މުއިއްޒު ވަނީ ހާމަ ކުރައްވާފައެވެ.
- 2026 ގެ ފުރަތަމަ ކުއާޓަރު ތެރޭގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން އެއާޕޯޓުން 1000 ޑޮލަު މާރުކުރެވޭނެ
- 2026 ގެ ފިރަތަމަ ކުއާޓަރު ނިންމާލާއިރު، ކްރެޑިޓް ކާޑުގެ ލިމިޓް 1400 ޑޮލަރަށް އިތުރު ކުރެވޭނެ
- 2025 ގެ މެދުތެރެއަށް ވިޔަފާރުވެރިން މުދާ އިމްޕޯޓް ކުރުމަށް ބޭންކްތަކުން ޓީޓީ ހަދަން ދޫކުރާ ލިމިޓް އިތުރުު ކުރެވޭނެ
- ސަރުކާރު ކުންފުނިތަކަށް ކަޅު ބާޒާރޫން ޑޮލަރު ގަތުމުގެ ބަދަލުގައި ބޭންކްރޭތްގައި ޑޮލަރު ގަނެވޭނެ
ރާއްޖެއިން ބޭރަށް ފުރާ ދިވެހިން އެއާޕޯޓުން 500 ޑޮލަރު މާރު ކުރުމަށް އޮންނަ ލިމިޓް 1000 ޑޮލަަރަށް އިތުރު ކުރައްވާނެ ކަމަށާއި 700 ޑޮލަރުގައި އޮތް ކްރެޑިޓް ކާޑް ލިމިޓް 1400 ޑޮލަަރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު ވިޔަފާރުވެރިން އިމްޕޯޓް ކުރާ މުދާތަކަށް ޓީތީ ދެއްކުމަށް ބޭންކުތަކުން ދޫކުރާ ޑޮލަރު ލިމިޓް އިތުރު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިކަންކަން ކޮށްދެވޭނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ރިސޯޓްތަކުން ގަވާއިދުން ބޭންކްތަކަށް ޑޮލަރު މާރުކުރާ ކަމުގައި ވާނަމަ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށާއި ރިސޯޓްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތުން ބޭންކްތަކަށް މާރުކުރަން ޖެހޭ ޑޮލަރާ ގުޅިގެން ހަދާފައިވާ އުސޫލަށް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގަވައިދުގައިވާ ގޮތަށް 500 ޑޮލަރު މާރު ކުރައްވަން ޖެހޭނެ ކަމަށާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަކީ ލާޒިމް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.