ދިވެހި ރައްޔިތުން ރާއްޖެއިން ބޭރަށް ދިއުމަށް އެއާޕޯޓުން 1000 ޑޮލަރު މާރު ކުރެވޭ ގޮތް 2026 ވަނަ އަހަރު ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ އެކު ރިސޯޓްތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރުމުން ރައްޔިތުން ނަށް ވާނެ ފައިދާ އަކީ ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް އެއާޕޯޓުން ޑޮލަރު މާރުކުރުމުގެ ލިމިޓް އިތުރު ވުން ކަމަށެވެ.
އެގޮތުން ބޭރު ފައިސާ މާރުކުރުމުގެ ގަވައިދަށް އަމަލުކުރަން ފެށުމުން އަންނަ ޖެނުއަރީ މަހުން ފެށީގެން 14 މަސް ދުވަހުގެ ތެރޭގައި މި ބަދަލު ގެނެވޭނެ ކަމަށް ރައިސް ވިދާޅުވިއެވެ. އެގޮތުން 2026 ވަނަ އަހަރުގައި ދިވެހިން ރާއްޖެއިން ބޭރަށް ދިއުމަށް ޑޮލަރު މާރު ކުރުމުގެ ލިމިޓް މިހާރު އޮތް 500 ޑޮލަރުން 1000 ޑޮލަރަށް އިތުރުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޑޮލަރު ލިބުމުގައި ހުރި ދަތިކަމުގެ ވާހަކައަށް އަލި އަލުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރު ކުންފުނިތަކަށް ވެސް ޑޮލަރު ބޭނުންވެއްޖެ ހާލަތެއްގައި މި ޖެހެނީ އަގު ބޮޑުކޮށް ވަގު ބާޒާރުން ޑޮލަރު ގަންނަން ކަމަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވައިދަށް ގެނައި އިސްލާހާއެކު މިކަމަށް ވެސް ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އެ ގޮތުން އަންނަ އަހަަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓްތަކަުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމުން ސަރުކާރު ކުންފުނިތަކުން ޑޮލަރު ގަތުމަށް ކުރަން ޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކަށް ބޭންކް ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމް އެގޮތުން ހަމަޖެހިގެން ދާނީ އަންނަ އަހަރުގެ މެދު ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭރު ފައިސާއާ ބެހޭ ގަވައިދަށް ގެނައި އސްލާހަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ އިރު، ރިސޯޓްތަކުން ބޭންކްތަކަށް ބޭރު ފައިސާ މާރު ކުރަން ޖެހުމާ މެދު ބައެއް ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ގޮތުން ރިސޯޓަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ބޭންކްތަކަށް މާރުކުރަން އެ އުސޫލުގައި ލާޒިމްކޮށްފައި އޮތް އޮތުމަށް ގިނަ ބަޔަކު ދެބަސްވެއެވެ.
މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެ ގޮތަށް ކަންބޮޑުވުން ފާޅު ކުރި ކަމުގައި ވީ ނަމަވެސް އެ އުސޫލު ބަދަލު ނުކުރާނެ ކަމަށް ވިދާޅިވެފައެވެ. އަދި އެ އުސޫލުގައި އޮތް ގޮތަށް ޑޮލަރު މާރު ކުރަން ޖެހޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.