ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންތާ އެއް އަހަރު ވެފައިވާ އިރު، ހާސިލްވި އެންމެ ބޮޑު ކަމަކީ ފައިސާ ޗާޕްނުކޮށް ބަނގުރޫޓު ނުވެ ހާލަތުން އަރައިގަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 52 ހަފްތާ ފުރުން ފާހަގަ ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ސަރުކާރާ ހަވާލުވެވަޑައިގެން އިރު، އިގްތިސޯދީ ގޮތުން ރާއްޖެ އޮތް ހާލަތު ހާމަ ކުރައްވާފައެވެ. އެ ގޮތުން ވެރިކަމާ ހަވާލުވެވަޑައިގެން އިރު، މިދިޔަ ސަރުކާރުން ވަނީ 8418 ބިލިއަން ރުފިޔާ ޗާޕްކޮށްފައި ކަމަށާއި ދަރަނި އޮތީ 120 ބިލިއަން ރުފިޔާގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމުގެ 6 ދުވަސް ކުރިން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ޝާއިއު ކުރި ރިޕޯޓަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިގޮސްފައި ވާކަން ހާމަ ކޮށްފައި ވާ ކަމަށެވެ. އޭރު އައިއެމްއެފް އިން އަންދާޒާކުރަމުން އައީ 2024 ވަނަ އަހަރުގެ އެޕްރީލް މަހާއި ހަމައަށް ދާއިރު، ދިވެހިރާއްޖެއިން ސޮވްރިން ޑިފޯލްޓަކަށް ގޮސްދާނެ ކަމަށެވެ. ނަމަވެސް އެހާލަތަށް ރާއްޖެ ނުގޮސް ފައިސާ ޗާޕްކުރުމަކާ ނުލައި އެ ހާލަތުން އަރައިގެންފައި ވުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މާލީ އިދާރާތަކުން އެހެން ބުނަން ޖެހުނީ ސަބަބުތަކެއް އޮވެގެން ކަމަށާއި ކުރީ ސަރުކާރުގެ 5 އަހަރު ދައުރުގައި ވަނީ ނަގާފައިވާ ދަރަނީގެ އިންޓަރެސްޓަށް އަހަރަކު 1.4 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި ކަމަށް ރައިސް މުއިއްޒު ވިދާޅުވިއެވެ. އިގްތިސޯދު މެނޭޖު ކުރުމެއް ނެތި، އަދި މެނޭޖުކުރަން ނުވެސް އެނގި، ކުރީ ސަރުކާރުން 5 އަހަރު ދުވަހުގެ ތެރޭގައި ގައުމު ބަނގުރޫޓުކުރަން ރާވާފައި އޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ހަމަ އެ އަހަރުގެ ތެރޭގައި ގާނޫނު އަސާސީއާ ހިލާފަށް ހަރަދުތަކެއްކޮށް، ގާނޫނީ އިމުގެ ތެރެއަށް ކަންކަން ވެއްދުމަށްޓަކައި ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަހެޅިކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން އިރު، ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ހަރަދުކުރަން ޖެހެނީ ދަރަނި ހަލާސްކުރަން ކަމަށާއި، މިއިން ކޮންމެ 100 ރުފިޔާއަކުން 16 ރުފިޔާ ހަރަދު ކުރަން ޖެހެނީ ހަމަ އެކަނި، ދަރަނީގެ އިންޓްރަސްޓަށް ކަމަށް ރައިސް ވިދާޅުވިއެވެ. މި ހާލަތުގައި އޮއްވާ ބަނގުރޫޓުވުން ތަހަންމަލުކުރަން ނުޖެހި، ރާސްތާ ބަދަލުކޮށްލެވުމަކީ ތަފާސް ހިސާބުތަކުން ފެންނަން އޮތް ހަގީގަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.