މިދިޔަ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުން އަނެއްކާވެސް ފަސްކުރުމާއި ގުޅިގެން ހައުސިން މިނިސްޓްރީ ތެރޭގައި އިހުތިޖާޖުކޮށްފިއެވެ

ހައުސިން މިނިސްޓްރީގެ އިމާރާތަށް ގިނަބަޔަކު އެެއްވެ މިއަދު އިހުތިޖާޖުކޮށްފައިވާއިރު، އިހުތިޖާޖުގެ ބައިވެރިން ވަނީ ޖަވާބުދާރީ ނުވެ މުވައްޒަފުން ފިލަނީ ކަމަށްވެސް ބުނެފައެވެ.

އިހުތިޖާޖުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ބައެއް މީހުން ވަނީ އޮފީހުގެ އެތެރެއަށް ވަދެ ނުރުހުން ފާޅުކޮށްފައެވެ.

'ގެދޮރުވެރިޔާ' ސްކީމުން 4000 ފްހލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ގެޒެޓްކޮށްފައި ވީ ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ވަނީ މައްސަލަ ބަލާފައެވެ.

އޭސީސީއިން އެ މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ޝަތުރު ހަމަވެ އެއްވެސް މައްސަލައެއް ނެތީ އެ ލިސްޓުން 20.7 ޕަސެންޓް ފޯމުގައި ކަމަށެވެ. އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުން ޝަތުރު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި ފާހަގަ ކުރި އެންމެ މުހިންމު ނުކުތާ އަކީ މުޅި ލިސްޓުގެ 59.6 ޕަސެންޓް މީހުން ނުވަތަ ފޯމްގައި ޝަތުރު ހަމަނުވާ ކަމަށެވެ.

އެހެންކަމުން މި ސަރުކާރުން އޮތީ އާ ލިސްޓް އިއުލާންކުރުން ފަސްކޮށްފަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ މި ހަފްތާ ތެރޭގައި ފްލެޓް ލިސްޓް ނެރެެން ނިންމާފައިވާ ކަމަށާއި ހަފްތާ ނިމޭ ދުވަހު ފްލެޓް ލިސްޓު އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ވަނީ ލިސްޓު އާންމު ކުރާނެ ކަމަށް ބުނެ ތާރީހުތަކެއް ދީފައެވެ. އެގޮތުން މި ހަފްތާގައި ލިސްޓު އާންމުކުރައްވާނެ ކަމަށް ވިދާޅުވުމުގެ ކުރިން މިދިޔަ އޮކްޓޫބަރުގައި ލިސްޓު ނެރޭނެ ކަމަށް ވެސް ވިދާޅުވިއެވެ.