ރަޝިއާއިން ޔޫކްރައިން އަށް ދޭން ފެށި ހަމަލާތަކާ އެކު ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ހިނގަމުން ދާ ހަނގުރާމަ އަންނަ އަހަރު ނިންމަން ބޭނުންވާ ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރޭޑިއޯ އިންޓަވިއު އެއްގައި ޒެލެންސްކީ ވިދާޅުވީ، ޑިޕްލޮމަސީގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ނުވަތަ ބައިނަލްއަގުވާމީ ހުރިހާ ގުޅުމެއްގެ ބޭނުން ހިފައި ޔޫކްރައިން ހަނގުރާމަ ނިންމަން ބޭނުންވާ ކަމަށެވެ. ޒެލެންސްކީގެ ވާހަކަތަކާ އެކު ޖީ7 ގެ ގައުމުތަކުން ވަނީ ޖީ7 އޮންނާނީ އަބަދުވެސް ޔޫކްރައިން އާ އެކު ކަމަށާއި ޔޫކްރައިން އިން ކުރާ މަސައްކަތަށް އެއްބާރުލުން ދީ ތާއީދު ކުރާނެ ކަމަށް ބުނެފައެވެ.

ޒެލެންސްކީ އެ މޭރުމުން ވާހަކަ ދެއްކެވި އިރު އޭނާ ވަނީ، ރަޝިއާގެ ފައުޖުތަކުން ކުރި ހޯދަމުން ދާކަމަށް ވެސް އެއްބަސްވެވަޑައިގެންފައެވެ. އަދި އެމެރިކާގެ ރައީސް ކަމަށް ޑޮނާލްޑް ޓްރަމްޕް އިންތިހާބުވުމާއެކު ވެސް ހަނގުރާމަ އަވަހަށް ހުއްޓިދާނެކަމަށް އޭނާ އުއްމީދު ކުރައްވައެވެ.

އެމެރިކާގައި މި ނިމޭ ބައިޑަންގެ ސަރުކާރާ ހިލާފަށް ޓްރަމްޕަކީ ޔޫކްރައިން ހަނގުރާމައަށް ތާއީދު ކުރައްވާ ބޭފުޅަކަށް ނުވުމާއި، ވެރިކަމާ ހާވާލުވެވަޑައިގަންނަވާތާ 24 ގަޑިއިރުގެ ތެރޭގައި ޔޫކްރައިން ހަނގުރާމަ ހުއްޓުވާނެ ކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވުމަކީވެސް ޔޫކްރައިން ހަނގުރާމަ އަވަހަށް ނިމިދާނެ ކަމުގެ ސިގްނަލެކެވެ.

މިހާތަނަށް ޔޫކްރައިން ހަނގުރާމައަށް އެންމެ ބޮޑު މަދަދެއް ދެމުން އައީ އެމެރިކާއިން ނަމަވެސް ވެރިކަން ބަދަލުވުމާއެކު އެމެރިކާގެ އެ އެހީ ހުއްޓޭނެއެވެ.

ޔޫކްރައިން ހަނގުރާމަ ހުއްޓުވާލުމަކީ ޓްމަޕްގެ ސިޔާސަތެއް ކަމަށް ވާއިރު އާ ސަރުކާރުން ވަނީ، އެކަމުގައި ދެކޭގޮތް ވެސް ހާމަކުރަން ފަށާފައެވެ. އެގޮތުން ޓްރަމްޕްގެ ނައިބު ޖޭޑީ ވޭންސް ވިދާޅުވެފައި ވަނީ، އާ ސަރުކާރުން ދެކޭނީ ރަޝިއާއިން ހިފި ޔޫކްރައިންގެ ސަރަހައްދު ރަޝިއާގެ އަތްދަށުގައި އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޒެލެންސްކީ ވިދާޅުވީ، އޭނާ ޓްރަމްޕާ ބައްދަލު ކުރެއްވި އިރު އެފަދަ މޭރުމަކުން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ މައްސަލައިގައި ރަޝިއާއިން ވެސް ބަސް ބުނެފައި ވެއެވެ. އެގައުމުން ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލަން އެއްބަސް ވެވޭނީ ރަޝިއާއިން ހިފި ސަރަހައްދުތައް ރަޝިއާއަށް ދޫކޮށްލަން ޔޫކްރައިން އިން އެއްބަސްވާނަމަ ކަމަށެވެ.

މީގެ އިތުރުން ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ، އެގޮތުން ވެވޭ އެއްބަސްވުމެއްގައި ހަނގުރާމަ ފެށެން ދިމާވި އަސްލު ސަބަބަށް ވެސް ރިޔާއަތް ކުރަންޖެހޭނެ ކަމަށެވެ. 2 އަހަރެއްހާ ދުވަހު މުއާމަލާތެއް ނުކުރައްވައި ތިއްބެވުމަށް ފަހު މިދިޔަ ހުކުރު ދުވަހު ޖަރުމަނުގެ ޗާންސެލާ އޯލާފް ސްކޯލްޒް އާ މޮސްކޯގައި ބައްދަލު ކުރައްވައި ޕުޓިން ވިދާޅުވީ އެއީ ޔޫކްރައިންގެ ސަރަހައްދަށް ނޭޓޯ ފުޅާކުރުން ކަމަށެވެ.

އެމެރިކާ އަކީ ޖީ7 ގެ އިތުރުން ނޭޓޯ ގެ ވެސް މުހިންމު ބައިވެރިއެއް ކަމަށް ވާއިރު ޔޫކްރައިން ހަނގުރާމައިގެ މުޅި ސިޔާސަތު ގުޅިފައިވަނީ އެމެރިކާގެ ވެރިކަމުގެ ސިޔާސަތަށް ގެންނަ ބަދަލުތަކާއެވެ.