މިދިޔަ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.
'ގެދޮރުވެރިޔާ' ސްކީމުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ގެޒެޓްކޮށްފައި ވީ ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ވަނީ މައްސަލަ ބަލާފައެވެ.
އޭސީސީއިން އެ މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ޝަތުރު ހަމަވެ އެއްވެސް މައްސަލައެއް ނެތީ އެ ލިސްޓުން 20.7 ޕަސެންޓް ފޯމުގައި ކަމަށެވެ. އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުން ޝަތުރު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި ފާހަގަ ކުރި އެންމެ މުހިންމު ނުކުތާ އަކީ މުޅި ލިސްޓުގެ 59.6 ޕަސެންޓް މީހުން ނުވަތަ ފޯމްގައި ޝަތުރު ހަމަނުވާ ކަމަށެވެ.
އެހެންކަމުން މި ސަރުކާރުން އޮތީ އާ ލިސްޓް އިއުލާންކުރުން ފަސްކޮށްފަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ މާދަމާ ފްލެޓް ލިސްޓު ނެރޭނެ ކަން ހާމަ ކުރައްވާފައެވެ. މި ހަފްތާ ތެރޭގައި ފްލެޓް ލިސްޓް ނެރެެން ނިންމާފައިވާ ކަމަށާއި ހަފްތާ ނިމޭ ދުވަހު ފްލެޓް ލިސްޓު އިއުލާނު ކުރައްވާނެ ކަމަށް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައެވެ.
ހައިދަރު އެހެން ވިދާޅުވި ނަމަވެސް، މިއަދު ހައުސިން މިނިސްޓްރީން ވަނީ ރީއިވެލުއޭޝަންގެ މަސައްކަތް ނިންމަން އަދިވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ އާންމުންގެ ފަރާތުން އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން މިނިސްޓްރީއަށް އަންގާފައިވާ ކަންކަން ބަލަން ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވައިފިލި ކޮމެޓީގެ ލަފާގެ މަތިން އެޕްލިކޭޝަން ފޯމުތައް މުރާޖައާ ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
"ކުރިން އާންމު ކުރެވިފައިވާ 'ގެދޮރުވެރިޔާ' ސްކީމުގެ އުސޫލުގެ ދަށުން 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީވެ، މި ސްކީމުގެ ވަގުތީ ލިސްޓާއި ރީއިވެލުއޭޝަނާ ގުޅިގެން ކުރިއަށްގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މި މަސައްކަތްތައް ނިމުނުހާ އަވަހަށް އާންމުކުރާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ވެއެވެ.
މީގެ ކުރިންވެސް ވަނީ ލިސްޓު އާންމު ކުރާނެ ކަމަށް ބުނެ ތާރީހުތަކެއް ދީފައެވެ. އެގޮތުން މި ހަފްތާގައި ލިސްޓު އާންމުކުރައްވާނެ ކަމަށް ވިދާޅުވުމުގެ ކުރިން މިދިޔަ އޮކްޓޫބަރުގައި ލިސްޓު ނެރޭނެ ކަމަށް ވެސް ވިދާޅުވިއެވެ.